03 ނޮވެމްބަރ 2017 - 05:35

ޑިޒްނީގެ ކާމިޔާބު އެނިމޭޓެޑް ފިލްމްތަކެއް، ލައިވް އެކްޝަން ފިލްމްތަކެއްގެ ގޮތުގައި ގެނެސް ދޭން އަރާފައިވާ ފޯރިއާ އެކު، އަނެއްކާ ވެސް އާ ފިލްމެއް ލޯންޗްކޮށްފި އެވެ. "އަލައްދިން" ހެދުމުގެ މަރުހަލާގައި މިހާރު އޮތް އިރު، ހަގީގީ ތަރިންނާ އެކު އުފައްދަން ނިންމި އަނެއް ފިލްމަކީ 1994 ގައި ރިލީޒް ކުރި "ލަޔަން ކިންގް" ގެ ލައިވް އެކްޝަން ފިލްމެވެ.
މި ފިލްމްގެ ކާސްޓުން ވެސް މިހާރު އިއުލާންކޮށްފައިވާ އިރު، އޭގެ ތެރޭގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ ބިޔޯންސޭ ވެސް ހިމެނެ އެވެ. އޮބްސެސްޑް (2009) ފަދަ ފިލްމްތަކުން ފެނިފައިވާ ބިޔޯންސޭ އާ ފިލްމަކަށް ސޮއިކޮށްފައި ވަނީ އެއްމާބަނޑު ދެ ކުދިން ވެސް މީގެ ދުވަސްކޮޅެއް ލިބިފައި ވަނިކޮށެވެ. އޭނާ ވަނީ އެ ފިލްމަށް ސޮއިކުރިކަން ފޭސްބުކްގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން ފިލްމްގެ މައިގަނޑު ކާސްޓުން ހިމެނޭ ފޮޓޯއެއް "ލަޔަން ކިންގް 2019" ކެޕްޝަނަކަށް ޖަހައި ޕޯސްޓްކޮށްފައިވެ އެވެ.
ޑިޒްނީގެ ދަ ޖަންގަލް ބުކް (2016) ގެ ޑައިރެކްޓަރު ޖޮން ފެވަރޯ ޑައިރެކްޓް ކުރާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސެތު ރޯގަން އަދި ޑޮނަލްޑް ގްލޯވާ ވެސް ހިމެނެ އެވެ.
ފެވަރޯ ބުނީ "ލަޔަން ކިންގް" ގެ ކާސްޓަކީ ހުވަފެނީ ކާސްޓެއް ކަމަށާއި އޭނާ ހުރީ ޓީމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.
"ލަޔަން ކިންގް" ލައިވް އެކްޝަން ފިލްމް ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ޖުލައި 19، 2019 ގަ އެވެ.
މީގެ އޮރިޖިނަލް ފިލްމް މީގެ 23 އަހަރު ކުރިން ބެލުންތެރިންނާ ހަމައަށް ގެނެސް ދިނީ ރޮޖާ އެލާޒް އާއި ރޮބް މިންކޮފް އެވެ. "ލަޔަން ކިންގް" އެނިމޭޓެޑް ފިލްމަކީ "ޓޯއި ސްޓޯރީ 3" 2010 ގައި ރިލީޒް ކުރުމާ ހަމައަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމްގެ ގޮތުގައި އޮތް ފިލްމެވެ.
ޑިޒްނީން މި އަހަރު ރިލީޒް ކުރި "ބިއުޓީ އެންޑް ދަ ބިސްޓް" އަކީ މި އަހަރު އެންމެ ފުރަތަމަ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ހަމަކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމަކީ ޑިޒްނީން ހަމަ އެ ނަމުގައި 1991 ގެނެސް ދިން އެނިމޭޓެޑް ފިލްމަށް ބިނާކޮށް ހެދި ފިލްމެކެވެ.