02 ނޮވެމްބަރ 2017 - 11:06

ނިއު ޔޯކް (އޮކްޓޯބަރު 2) - ނިއު ޔޯކުގައި ބައިސްކަލް ދުއްވަން ޚާއްސަ މަގަކަށް ޓްރަކެއް ވައްދާލާ، އަށް މީހުން މަރާލުމުން ފަޚުރުވެރިވާ ކަމަށް އެ ކަންކުރި ސައިފުﷲ ސަައިޕޯވް ބުނެފި އެވެ.
އުޒްބެކިސްތާނުން އެމެރިކާ އަށް ހިޖުރަކޮށްފައިވާ އުމުރުން 29 އަހަރުގެ ސައިފުﷲ ބުނީ ހަމަލާ ދޭން އޭނާ އަށް ހިތްވަރު ލިބުނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ކަމަށެވެ. އަދި ނިއު ޔޯކުގައި ހެލޮވީން ޕެރޭޑް ކުރިއަށްދާ ދުވަސްވަރު ޓްރަކުން ޖައްސަން ނިންމީ ވީހާ ވެސް ގިނަ ބަޔަކު މަރާލަން ކަމަށް ބުންޏެވެ.
ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި އެ ހަމަލާ ދޭން އޭނާ ރާވާތާ އަހަރެއްވެފައިވާ ކަމަށް އެފްބީއައިގެ އޮފިސަރުން ގާތު ބުނެފައިވެ އެވެ.
ޓްރަކުން ޖައްސާ އެތައް ބަޔަކު މަރާލުމަށް ފަހު ވެހިކަލުން ފޭބިތަނުން ފުލުހުން ވަނީ އޭނާ ގަޔަށް ބަޑިޖަހައިފަ އެވެ. ސައިފުﷲ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ސައިފުﷲ ވަނީ ހޮސްޕިޓަލުގައި އޭނާ އޮތް ކޮޓަރީގައި އައިއެސްގެ ދިދައެއް ހަރުކޮށްދޭން އެދިފަ އެވެ.
ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ސައިފުﷲ އަށް ހިތްވަރު ލިބިފައި ވަނީ އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ ދިން ތަގްރީރުތަކުންނެވެ. ބަޣުދާދީ ވަނީ އިރާގުގައި އުޅޭ އައިއެސް ފިކުރުގެ މީހުން އެމެރިކާ އިން މަރަމުންދާ އިރު އެއަށް ރައްދު ދޭން އެމެރިކާގައި އުޅޭ މުސްލިމުން ކުރަނީ ކޮން ކަމެއްތޯ ސުވާލުކޮށްފަ އެވެ.
ސައިފުﷲ ގެ ފޯނުން ވަނީ 90 ވީޑިއޯ އާއި 3،800 އަށް ވުރެ ފޮޓޯ ތަހުގީގު ކުރާ މީހުން ހޯދައިފަ އެވެ. މީގެ ތެރޭން ގިނަ އެއްޗިއްސަކީ އައިއެސްގެ ޕްރޮޕެގެންޑާ އެވެ.
ޕްރޮސެކިއުޓަރުން މިހާރު ވަނީ ސައިފުﷲ އަށް ޓެރަރިޒަމްގެ ދައުވާ ކުރަން ނިންމައިފަ އެވެ. ޓެރަރިޒަމްގެ އަމަލަކުން މީހަކު މަރުވެއްޖެ ނަމަ މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއު ޔޯކުގައި މަރުގެ އަދަބު ތަންފީޒު ނުކުރި ނަމަވެސް ސައިފުﷲ އަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ފުލުހުން ބުނީ މިއީ، ސެޕްޓެމްބަރު 11، 2001 ގައި ނިއު ޔޯކުގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ދިން އެންމެ ނުރައްކާ ޓެރަރިސްޓް ހަމަލާ ކަމަށެވެ.
ސައިފުﷲ އެމެރިކާ އަށް ހިޖުރަކުރީ މާޗް 2010 ގަ އެވެ. އޭނާ ދިރިއުޅުނީ ފްލޮރިޑާ އާއި ނިއު ޖާޒީގަ އެވެ. އޭނާ ވަނީ ކައިވެންޏެއްކޮށް ކުދިން ވެސް ލިބިފަ އެވެ.