މައްސަލަ ބަލައިނުގަތުމަށް ރައުޔު ދީފައި އޮތަސް އެ މައްސަލަ ބެލުމުގައި ފަނޑިޔާރަށް ބައިވެރިވެވޭނެ: ސުޕްރީމް ކޯޓު
މައްސަލަ ބަލައިނުގަތުމަށް ރައުޔު ދީފައި އޮތަސް އެ މައްސަލަ ބެލުމުގައި ފަނޑިޔާރަށް ބައިވެރިވެވޭނެ: ސުޕްރީމް ކޯޓު

ހައި ކޯޓަށް މައްސަލައެއް ބަލައިނުގަތުމަށް އެ ކޯޓުގެ ފަނޑިޔާރަކު ރައުޔު ދީފައި އޮތަސް، އެ މައްސަލައެއް މައުޟޫއީ ގޮތުން އެ ކޯޓުން ބަލަން ޖެހޭއިރު އެ މައްސަލަ ބެލުމުގައި އެ ފަނޑިޔާރަކަށް ބައިވެރިވެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އާންމު ސިޓީގައިވާ ގޮތުން ހައި ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުގެ ފަނޑިޔާރުން ނިންމާ މައްސަލަތައް ހައި ކޯޓަށް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އެންގުމުން، ކުރިން އެ މައްސަލަ ހައި ކޯޓަށް ބަލައިނުގަތުމަށް ތާއީދުކުރި ފަނޑިޔާރުން އެ މައްސަލައެއް މައުޟޫއީ ގޮތުން ބެލުމަށް އުޒުރުވެރިވަމުންދާ ކަމަށެވެ.

އެކަމަކު އެގޮތަށް، އެ މައްސަލައެއް ބަލައިނުގަތުމަށް ނިންމުމުގައި ފަނޑިޔާރަކު ބައިވެރިވެ، ރައުޔު ދީފައި އޮތުމަކީ އެ މައްސަލައެއް މައުޟޫއީ ގޮތުން ބެލުމަށް އެ ފަނޑިޔާރަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވައި، ނެރެފައިވާ އެ ސިޓީގައިވެ އެވެ.

ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލަ ބަލައިގަތުމުގައި ފަނޑިޔާރުންގެ ސީދާ ދައުރު އޮންނަނީ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ މައްސަލަތަކުގަ އެވެ. އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ މައްސަލަތަކުގައި އެ މައްސަލައެއް ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އެކަމުގައި ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންނެވެ. އަދި މައްސަލައެއް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާ ނިންމުންތައް ވެސް އެ ގަވާއިދުގެ ދަށުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅެ އެވެ.