ރަގްބީ ކުޅެނިކޮށް އެތުލެޓިކްސް ތަރިއަކަށް އަނިޔާވެއްޖެ
ރަގްބީ ކުޅެނިކޮށް އެތުލެޓިކްސް ތަރިއަކަށް އަނިޔާވެއްޖެ

ކޭޕް ޓައުން، ދެކުނު އެފްރިކާ (ނޮވެމްބަރު 2) - މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގައި 17 އަހަރުވީ ދުނިޔޭގެ 400 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައި އިވެންޓުން ރަން މެޑަލް ހޯދި ދެކުނު އެފްރިކާގެ ސްޕްރިންޓަރު ވޭޑް ވެން ނިއެކާކަށް ސެލެބްރިޓީ ރަގްބީ މެޗެއް ކުޅެނިކޮށް އަނިޔާވެއްޖެ އެވެ.

ދާދި ފަހުން ކޭޕް ޓައުންގައި ކުރިއަށްދިޔަ ހާއްސަ ރަގްބީ މެޗުގައި ނިއެކާކުގެ އޭސީއެލް އާއި މެނިސްކަސަށް ވަނީ ގެއްލުންވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ނިއެކާކަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ސާޖަރީއެއް ހަދަން ޖެހެ އެވެ. އަދި މީގެ ސަބަބުން އޭނާ އަށް އަންނަ އަހަރު އޮސްޓްރޭލިއާގައި އޮންނަ ކޮމަންވެލްތު ގޭމްސްގައި ވާދަނުކުރެވޭނެ އެވެ.

ނިއެކާކް އައީ ކުރިއަށް އޮތް ދެކުނު އެފްރިކާގެ ނެޝަނަލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. ހާއްސަ ރަގްބީ މެޗުގައި އޭނާ ވާދަކުރަން ދައުވަތު ހުށަހެޅީ ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓްރީން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ކުޅިވަރުގައި މި ކަހަލަ ކަންތައްތައް ވެސް ދިމާވާނެ. އަހަރެންގެ ވަރަށް ބޮޑު ހުވަފެނެއް ހާސިލްކުރަން ކުރަމުން އައި އުއްމީދު ފެނަށް މި ދިޔައީ. އުއްމީދަކީ ކުރިއަށް ވުރެ ވަރުގަދަ ކޮށް އެނބުރި އައުން،" ނިއެކާކް ބުންޏެވެ.

އުމުރުން 25 އަހަރުގެ ނިއެކާކަށް އަނިޔާވިއިރު އޭނާ އުއްމީދުކޮށްގެން ހުރީ އަންނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ރޭސް ކާމިޔާބު ކުރުމަށެވެ. ކޮމަންވެލްތު ގޭމްސް އޮންނާނީ އަންނަ އަހަރު އޭޕްރީލް 4 އިން 15 އަށެވެ.