02 ނޮވެމްބަރ 2017 - 10:20

ރަކީން (ނޮވެމްބަރު 2) - މިއަންމާ ސިފައިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގި ރަކީން ސްޓޭޓަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫ ކީ އެންމެ ފަހުން ވަޑައިގެންފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެއް ދުވަހުގެ ދަތުރުގައި ރަކީންގެ ވެރިރަށް ސިއްޓްވޭ އަށް ވެސް ސޫކީ ވަޑައިގަންނަވާނެ ކަމަށެވެ.
ރަކީން ސްޓޭޓަށް ސޫކީ މި ވަޑައިގެންނެވީ ރޮޮހިންޖާ މުސްލިމުންނަށް އަނިޔާ ދެމުން ދިޔަ އިރު އޭނާ ހިމޭނުން ހުންނެވުމުން އެތައް ފާޑުކިޔުމެއް އަމާޒުވެފައި ވަނިކޮށެވެ. އޮގަސްޓް 25 ވަނަ ރަކީންގައި ހަމަނުޖެހުން ހިންގަން ފެށި ފަހުން އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ.
ސަރުކާރުގެ ތަރުޖަމާން ޒޯ ޓޭ އޭއެފްޕީ އަށް ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނު ސޫކީ ވަނީ ސިއްޓްވޭ އަށް ވަޑައިގެންފައި ކަމަށެވެ. އަދި މައުންގްޑޯ އާއި ބުތިޑުއަންގަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެއް ދުވަހުގެ ދަތުރެއް ކަމަށެވެ. ރޮހިންޖާ މީހުންގެ އަވަށްތަކަށް ސޫކީ ވަޑައިގަންނަވާނެ ކަމެއް ނޭނގެ އެވެ.
ރޮއިޓާސްގެ ރިޕޯޓަރަކު ބުނީ ސިފައިންގެ ހެލިކޮޕްޓަރަކަށް ސޫކީ މިއަދު ހެނދުނު އަރާވަޑައިގަންނަވާތަން ފެނިފައިވާ ކަމަށެވެ. އަދި ސޫކީއާ އެކު 20 މީހުން ތިބި ކަމަށް ވެސް ރިޕޯޓަރު ބުންޏެވެ.