ޗެލްސީ އަށް ސާބިތުކޮށްދޭންޖެހޭ އެއްޗެއް ނެތް: މަޓިޗް
ޗެލްސީ އަށް ސާބިތުކޮށްދޭންޖެހޭ އެއްޗެއް ނެތް: މަޓިޗް

ލަންޑަން (ނޮވެމްބަރު 2) - ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުގައި ސާބިތުކޮށްދޭން ޖެހޭ އެއްޗެއް އޮތް ކަަމަށް ނުދެކޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސާބިއާގެ މިޑްފީލްޑަރު ނިމެންޏާ މަޓިޗް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ މަޓިޗް މި ސީޒަން ފެށުމުގެ ކުރިން 40 މިލިއަން ޕައުންޑަށް މަޓިޗް ޔުނައިޓެޑަށް ބަދަލުވީ ޗެލްސީން އޭނާ އެހެން ޓީމުތަކަށް ވިއްކާލަން މަޝްވަރާކުރި ފަހުންނެވެ. މަޓިޗް ބޭނުންވީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭށެވެ. ޗެލްސީން ވަނީ މަޓިޗް ވިއްކާލަން ޔުވެންޓަސް އާއި އިންޓައާ މަޝްވަރާކޮށްފަ އެވެ.

ޗެލްސީއާ ދެކޮޅަށް ކުޅޭއިރު އެއްވެސް ހިތް ބުރަކަމެއް އެ ޓީމާ މެދު ނެތް ކަމަށް މަޓިޗް ވަނީ ބުނެފަ އެވެ.

"އަހަރެން ޗެލްސީގައި ކުޅުނުއިރު އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކިން. ދެ ލީގު ހޯދިން އިތުރު މުބާރާތް ވެސް ކާމިޔާބު ކުރިން. އަހަރެން ޗެލްސީ އަށް ސާބިތުކޮށްދޭން ޖެހޭނެ އެއްޗެއް ނެތް. އަހަރެން ފެންވަރު ސާބިތުކޮށްދޭންވީ އަހަރެންގެ އާ ކްލަބަށް (ޔުނައިޓެޑަށް)،" މަޓިޗް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މަޓިޗްގެ ދައުރު ބޮޑެވެ. ޗެލްސީން މަޓިޗް ވާދަވެރި ކްލަބަކަށް ވިއްކާލުމުން އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ފްރޭންކް ލަމްޕާޑް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މަަޓިޗް ބުނީ ޗެލްސީ އަކީ އަބަދުވެސް އޭނާގެ ހިތުގައި އޮންނާނެ ކްލަބެއް ކަމަށާއި އެކަން ބަދަލުނުވާނެ ކަމަށެވެ.

"އަހަރެން ޗެލްސީގައި ހޭދަކުރި ތިން އަހަރާއި ބައިގައި ވަރަށް އުފާވެރި ހަނދާންތަކެއް އެބަހުރި. އެކަން ބަދަލެއް ނުވާނެ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިން ވީމަ މި ވަގުތު ޗެލްސީ އަކީ އަހަރެންގެ ވާދަވެރިއެއް. އާދިއްތަ ދުވަހުގެ މެޗުގައި ޔުނައިޓެޑް މޮޅުކޮށްދޭން ކުރެވުނުހާ މަސައްކަތެއް ކުރާނަން،" މަޓިޗް ބުންޏެވެ.