އެކަނިވެރި ދެމައިންގެ ހިތްދަތި ވަކިވުމެއް
އެކަނިވެރި ދެމައިންގެ ހިތްދަތި ވަކިވުމެއް

އިންޑިއާގެ ކަލްކަތާގައި ގެއެއްގެ ތެރެއިން ނުބައި ވަސް ދުވާތީ ފުލުހުން ގޮސް ބެލި އިރު ނަފްސާނީ ބަލީގެ މީހަކު އެ ގޭގެ ކޮޓަރިއެއްގައި ނިދާފައި އޮތެވެ. އެކަމަކު އެހެން ކޮޓަރިއެއްގައި އޭނާގެ މަންމަ މަރުވެ، ހަށިގަނޑު އޮތީ ކުނިވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި 40 އަހަރުގެ ފިރިހެން މީހާއަށް އޭނާގެ 66 އަހަރުގެ މަންމަ މަރުވެފައި އޮތް ކަމެއް ނުވެސް އެނގެ އެވެ.

"އެއީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް. އެހެންވެ މަންމަ އޮތީ މަރުވެފައި ކަމެއް އޭނާއަކަށް ނުވިސްނުނު. މަރުވި މީހާގެ ފިރިމީހާ 1997 ގައި މަރުވި ފަހުން ދެ މައިން ދިރިއުޅެނީ އެކަނިމާއެކަނި،" ފުލުހުން ބުނެފައިވެ އެވެ.

މި މީހުންގެ ފިރިހެން ދަރިއަށް ނަފްސާނީ މައްސަލަތައް ދިމާވާން ފެށީ ބައްޕަ މަރުވުމާ ގުޅިގެންނެވެ.

އަންހެން މީހާ މަރުވެފައި އޮތީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި އެއްވެސް ކަހަލަ އަނިޔާއެއް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މަންމަ މަރުވުމުން އެކަނިވެރިވި ބަލި މީހާ މިހާރު ވަނީ، އެފަދަ ބަލި މީހުން ބަލަހައްޓާ ޖަމިއްޔާއަކާ ހަވާލުކޮށްފަ އެވެ. އަވަށްޓެރިން ބުނި ގޮތުގައި އޭނާ ގެއިން ނެރެގެން ގެންދިޔައިރު ވެސް އެ މީހާ ދިޔައީ "މަންމަ ނިދާފައި އެބައޮތޭ" ކިޔަމުންނެވެ.