04 ނޮވެމްބަރ 2017 - 07:57

"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނީ ޝިލްޕާ ޝިންޑޭ ކަމަށް މި ޝޯގެ ކުރީގެ ސީޒަންގެ ބައިވެރިއެއް ކަމަށްވާ ޕްރިޔާ މަލިކު ބުނެފި އެވެ.

"ބިގް ބޮސް"ގެ ނުވަ ވަނަ ސީޒަންގައި ބައިވެރިވެ އަދި މިފަަހަރުގެ ސީޒަންގައި ވެސް ޝޯގެ ޚާއްސަ ސެގްމެންޓެއް ޕްރިޔާ ހޯސްޓްކުރާ ގޮތަަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ހޯސްޓްކުރަނީ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ވޫޓްގެ "ބިގް ބަޒް" ކިޔާ ބައެކެވެ. މިއިން "ބިގް ބޮސް 11" ސްޓްރީމްކޮށް އަދި ޝޯގައި ނުދައްކާ ބައެއް މަންޒަރުތައް ވެސް ދައްކަ އެވެ.
އެހެންކަމުން ޝޯގައި ހިނގާ ކަންތައްތައް ވަރަށް ބޮޑަށް ޕްރިޔާ އަށް އެނގެ އެވެ. ޕްރިޔާ ބުނި ގޮތުގައި މިފަހަރުގެ ސީޒަން ކާމިޔާބުކުރާނީ ޝިލްޕާ އެވެ. ނޫނީ ވިކާސް ގުޕްތާ އެވެ. އެމީހުން އެ އުޅެނީ ހަގީގަތުގައި ވެސް އެ މީހުން އުޅޭ ގޮތަށް ކަމަށާއި އެ މީހުން ޝޯގައި ދައްކަނީ ހަަގީގަތުގައި ވެސް އެމީހުންގެ ޝަޚްސިއްޔަތުގައި ހުރި ރަނގަޅު، ގޯސް އަދި ނުލަފާ ސިފަތައް ކަމަށް ޕްރިޔާ ދެކެ އެވެ. އަދި މިއީ "ބިގް ބޮސް" ކަހަލަ ޝޯއެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު ސިފަތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ ދެ މީހުން ޝޯ ކުޅެމުން ދަނީ ވަރަށް މޮޅަށް. އެމީހުންގެ ބައިވެރިވުން ޝޯގައި ވަރަށް ރަނގަޅަށް ފެނިގެން ދޭ. އަދި ކޮންމެ މީހެއް ވެސް ތަފާތު މަރުހަލާތަކުގައި އުޅޭ ގޮތް އެމީހުން އެބަ ދައްކުވައިދޭ. އެމީހުން އެއްގޮތަކަށް ވެސް ޓީވީން ވަކި ގޮތަކަށް ދައްކަން ވެސް ފޭކް ކޮށެއް ނޫޅޭ،" ޕްރިޔާ ބުންޏެވެ.
ޕްރިޔާ ދެއްކި ވާހަކައަކީ ތެދަކަށް ވެދާނެ ވަރަށް ގިނަ އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ޓީވީ އެކްޓަރުންގެ ތެރެއިން މަޝްހޫރު މީހުން "ބިގް ބޮސް" ކާމިޔާބު ކޮށްފައިވާލެއް ގިނަކަމެވެ. ޖޫހީ ޕާރްމާރް، އުރުވަޝީ ޑޯލަކިޔާ އަދި ޝްވޭތާ ތިވާރީ އަކީ މީގެ މިސާލުތަކެވެ.
އަނެއްކޮޅުން ޝިލްޕާ އަކީ "ބިގް ބޮސް" ގެ ގެއަށް ވަނުމުގެ ކުރިން ވެސް މަޝްހޫރު ޓީވީ ސިލްސިލާ "ބާބީ ޖީ ގަރް ޕަރް ހޭ" ގައި އޭނާ ކުޅުނު އަންގޫރު ބާބީގެ ރޯލުން ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ބަތަލާ އެކެވެ. އަދި އެ ޝޯ އުފައްދާ ފަރާތާއި ޝިލްޕާއާ ޖެހުނު މައްސަލައެއްގައި އޭނާ ޝޯއިން ވަކި ކުރުމުން ވަރަށް ގިނަ ބަޔަކު އެކަމާ ދެރަވެގެން އުޅުނެވެ. އަދި އޭގެ ފަހުން އޭނާގެ ފޭނުންގެ އަދަދު ކުރިޔަށް ވުރެ ވެސް މާ ބޮޑުތަން އިތުރުވެގެން ދިޔަ އެވެ.
އެހެންކަމުން "ބިގް ބޮސް"ގެ ގެއިން ޝިލްޕާ ބޭރު ނުވޭތޯ އޭނާގެ ފޭނުން ވަރަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޝިލްޕާ ފިޔަވައި "ބިގް ބޮސް 11" ކާމިޔާބު ކޮށްފާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އަނެއް ބައިވެރިޔަކީ ވިކާސް އެވެ. ނަމަވެސް ވިކާސް އަށް މިހާރު ބިގް ބޮސްގެ ގޭގައި ހިނގަމުންދާ ޑްރާމާތަކަށް ކެތް ނުކުރެވޭ ވަރު ވަނީ ވެފަ އެވެ. މީގެ ހަފުތާތަކެއް ކުރިން ކެޕްޓަންކަން ހޯދުމުގެ އަރާރުމުގައި އޭނާ ވަނީ ޕުނީޝް ޝަރުމާ އަށް ހަމަލަ ދީފަ އެވެ. އަދި އޭގެ ފަހުން އޭނާގެ އެކުވެރި ބެނަފްޝާ ސޫނާވާލާއާ ވެސް ވިކާސް ވަނީ އަރާރުން ވެފަ އެވެ.
ކުރިން ވިކާސްގެ އެންމެ ބޮޑު އެކުވެރިއަކަށްވީ ޕްރިޔަންކް ޝަރުމާ ނަމަވެސް ބިގްބޮސްގެ ގެއިން ބޭރުކޮށްލުމަށް ފަހު އޭނާ އަލުން އެނބުރި އެގެއަށް އައި ހިސާބުން މި ދެ އެކުވެރިންގެ މެދުގައި ވެސް ކުރީގަ އޮތް އެކުވެރިކަމެއް ނެތެވެ.
މިހާރު ވިކާސްގެ ބޯ ހަލާކުވެގެން ގޮސް ބިގްބޮސްގެ ގެއިން ނުކުމެގެން ފިލަން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ބިގްބޮސްގެ ގެއިން ނުކުމެެވެން ހުރި ދޮރުތަކުން ދޮރެއް ވެސް ވިކާސް ހޯދި އެވެ. ނަމަވެސް އޭނާ ނުކުތުމުގެ ކުރިން ބިގްބޮސް ވަނީ އޭނާ ކޮންފެޝަން ރޫމަށް ގެންގޮސްފަ އެވެ. އެތަނުގައި ވެސް އޭނާއަކަށް މާ ރަނގަޅަކަށް ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. ބިގްބޮސް ކައިރީ އޭނާ އެދުނީ ވީހާވެސް އަވަހަކަށް އޭނާ ގެއިން ނެރެދިނުމަށެވެ.
ޝޯ އިން ބޭރު ނުވަނީސް ޝޯ ދޫކޮށްލާ ނަމަ ކޮންޓްރެކްޓާ ޚިލާފުވުމުގެ ޖޫރިމަނާއެއްގެ ގޮތުން ދެ ކްރޯޑު (200 މިލިއަން ރުޕީސް) ދައްކަން ޖެހެ އެވެ. މި ޖޫރިމަނާ ވެސް ދައްކަން ވިކާސް ހުރީ ތައްޔާރަށެވެ. ނަމަވެސް އަލުން ވިސްނާލަން ބިގްބޮސް އޭނާއަށް ފުރުސަތެއް ދީފައި ފޮނުވާލީ އެވެ.
ވިކާސްގެ ހާލު ދެކިލަން ފަހުން ބެނަފްޝާ އައުމުން އޭނާއާ ދިމާލަށް ވިކާސް ވަރަށް ހަޅޭއްލެވި އެވެ. ބެނަފްޝާ އާއި ޕްރިޔަންކް ޝަރުމާ އެއްވެސް މުއާމަލާތެއް ކުރަން ބޭނުން ނޫންކަމަށް ވިކާސް ބުންޏެވެ.
ވިކާސް އިތުރަށް ރުޅިގަދަކުރަން ޝިލްޕާ ވަނީ ސައްކަތް ކޮށްފަ އެވެ. ނަމަވެސް ޝިލްޕާ އަކާ ވެސް ވިކާސް ވާހަކައެއް ނުދެއްކި އެވެ.
ވިކާސް ހަގީގަތުގައި ވެސް ދެ ބިލިއަން ރުޕީސްގެ ބޮޑު ޖޫރިމަނާއެއް ދައްކާފައި ޝޯއިން ވަކިވެދާނެ ހެއްޔެވެ؟ މިއީ މިހާރު އެންމެ ގިނަ ބަޔެއްގެ ހިތަށް އަރާ ސުވާލެވެ. ޔަގީންވާ ކަމަކީ ވިކާސް ބިގްބޮސްގެ ގެއިން ނުކުމެއްޖެ ނަމަ ޝިލްޕާ އަށް ކާމިޔާބުވުމުގެ ފުރުސަތު އިތުރުވާނެ ކަމެވެ.