01 ނޮވެމްބަރ 2017 - 22:45

މަރަދޫފޭދޫ ބޮޑުމަގުގައި މިރޭ ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް ބޮޑެތި ސީރިއަސް ގެއްލުންތަކެއްވެއްޖެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްވެގެން ގެންދިޔައީ ދެ އަންހެނަކާއި ފިރިހެނަކު ކަމަށެވެ. އޭގެ ތެރެއިން ފިރިހެން މީހާގެ ދަތްދޮޅި ބިންދައިގެން ގޮސް، ބޮލަށް ވެސް ސީރިއަސް ޒަހްމަތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"އޭނަގެ ހާލު ތަންކޮޅެއް ކްރިޓިކަލް. ޑޮކްޓަރުން މިހާރު އިތުރަށް ބަލަމުން އަންނަނީ. އަދި ވަރަށް އަވަހަށް އޭނަ އައިސީޔޫ އަށް ބަދަލު ކުރާނެ،" ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކްސިޑެންޓްވެގެން ގެންދިޔަ ދެ އަންހެނުންގެ ތެރެއިން އެކެއްގައި ފައި ބިނދިފައިވާ ކަމަށާއި އޭނާ އަށް ވެސް އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ކަމަށެވެ.
"އަނެއް އަންހެން މީހާ އަށް ނެތް ސީރިއަސް ގެއްލުމެއް ވެފައެއް. އަޅުގަނޑުމެން މިހާރު ބަލަނީ ބޮޑަށް އަނިޔާވި ދެ މީހުންނަށް މިކޮޅުގައި މި ވަގުތަށް ދެވެން ހުރި ފަރުވާ ދީފައި ވީހާ ވެސް އަވަހަކަށް މާލެ ފޮނުވާލަން." އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މިރޭ 9:30 އިރު ދެ ސައިކަލް އެކްސިޑެންޓްވީ އެއް ސައިކަލް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ އަނެއް ސައިކަލްގައި ޖެހިފަ އެވެ. އަދި އެ ސައިކަލް ވަނީ މަގުގައި ޕާކްކޮށްފައި އޮތް ކާރެއްގައި ވެސް ޖެހިފަ އެވެ.
މި ހާދިސާގާއި ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ އިތުރަށް ކާރުގެ ފަހަތަށް އެކި ވަރުގެ ގެއްލުންތައް ލިބި، ސައިކަލްތަަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.