ޖޭޕީއަށް ގޮނޑިތައް ލިބުނީ ރައީސް ޔާމީންގެ ސަބަބުންނެއް ނޫން: އަމީން
ޖޭޕީއަށް ގޮނޑިތައް ލިބުނީ ރައީސް ޔާމީންގެ ސަބަބުންނެއް ނޫން: އަމީން

ޖުމްހޫރީ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުން ގޮނޑިތަކެއް ލިބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ނޫން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދ. މާއެނބޫދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީ އަށް މަޖިލީހުން ލިބުނު ގޮނޑިތަކަކީ ޕީޕީއެމްއާ އެކު އޭރު ޖުމްހޫރީ ޕާޓީން ހެދި އެއްބަސްވުމުގެ ދަށުން، ޕީޕީއެމުން ކޮށްދިން މަސައްކަތުން ކަމަށެވެ.

ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި، އަމީން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޕާޓީން މަޖިލީހުގެ ގޮނޑިތައް ހޯދީ ރައީސް ޔާމީންގެ ފޮޓޯފުޅު ދައްކައިގެން ނޫން ކަމަށާއި ރައީސް ޔާމީނަކީ އެހާ މަގްބޫލު ބޭފުޅެއް ނޫން ކަމަށެވެ. އަދި އެ ދެ ޕާޓީގެ މެދުގައި އޮތް އެއްބަސްވުމުގެ ދަށުން ޖުމްހޫރީ ޕާޓީން ކަނޑައެޅި ދާއިރާތަކަށް ޕީޕީއެމުން އެހެން ކެންޑިޑޭޓުން ނެރުނު ކަމަށް ވެސް އަމީން ތުހުމަތު ކުރެއްވި އެވެ.

އެ ޓްވީޓްގައި އަމީން އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ފުރިހަމަ ތާއީދު ލިބިގެން ކަމަށާއި އެ ތާއީދު ނުލިބުނު ނަމަ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިނުގަނެވުނީސް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް މަސައްކަތްކުރީ ކޯލިޝަނެއްގެ ގޮތުގަ އެވެ. އެކަމަކު ފަހުން އެ ކޯލިޝަން ރޫޅި، ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.