އުރަމަތީ ކެންސަރު ދެނެގަންނަ އާ އީޖާދެއް އިންޑިއާ އިން
އުރަމަތީ ކެންސަރު ދެނެގަންނަ އާ އީޖާދެއް އިންޑިއާ އިން

ބަލީގެ ކުރީކޮޅު އުރަމަތީގެ ކެންސަރު ދެނެގަންނަ ރޮބޮޓެއް ހިމެނޭ ނިޒާމެއް އިންޑިއާގެ ކުންފުންޏަކުން އީޖާދުކޮށްފި އެވެ.

ތާމަލް އިމޭޖިންގެ އެހީގައި، އުރަމަތީގައި ޓިއުމަރު ހުރިތޯ ބަލައިދޭ މި ނިޒާމަށް ދީފައިވާ ނަމަކީ "އިލުމިނާ 360" އެވެ. ޗެންނާއީގެ މެޑިކަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ކިއުރާ ހެލްތުކެއާ އިން މަރުކަޒީ ސަރުކާރުގެ ޚަރަދުގައި އުފެއްދި މި ނިޒާމަކީ އުރަމަތީ ކެންސަރު ހުރިތޯ ބަލަން ދުނިޔޭގައި ވެސް އީޖާދުކުރި މިފަދަ ފުރަތަމަ މެޝިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިއުރާގެ ސީއީއޯ އެމް. ބާލަސުބްރަމާނިއަމް ވިދާޅުވިގޮތުގައި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބޭނުންކުރެވޭ މި ނިޒާމަކީ އުރަމަތީ ކެންސަރަށް ސްކްރީންކުރުމުގައި މިހާރު ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ އުފެއްދުމެކެވެ. ބޭނުންކުރާ އާލާތުގެ ސަބަބުން ތަދުވާތީ އާއި ހަށިގަނޑު ހާމަކުރަން ލަދުގަންނާތީ ސްކްރީންކުރަން ދާން ބައެއް އަންހެނުން ޖެހިލުންވާ އިރު މެމޮގްރަފީގެ ޚިދުމަތް ލިބެނީ ހަމައެކަނި 45 އަހަރުން މަތީގެ މީހުންނަށް ކަމަށް ވުމަކީ ޒުވާނުންނަށް އޮންނަ ހުރަހެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ސުބްރަމާނިއަމް ވިދާޅުވީ މިއިން އެއްވެސް ކަމަކާ ކަންބޮޑުވާން ނުޖެހި "އިލުމިނާ 360" އިން ސްކްރީންކުރެވޭނެ ކަމަށެވެ.

ހޮސްޕިޓަލްތަކާއި ބަލި ދެނެގަންނަ ލެބޯޓްރީތަކާއި ސިއްހީ މަރުކަޒުތަކުގައި ވެސް މި މެޝިން ބަހައްޓަން ކިއުރާ އިން ވަނީ އަމާޒު ހިފައިފަ އެވެ.

"އިލުމިނާ 360" އަށް ފަންޑުކުރި މުއައްސަސާ އިން ބުނިގޮތުގައި އިންޑިއާގައި އެންމެ ގިނަ މީހުން މަރުވާ ބައްޔަކީ އުރަމަތީ ކެންސަރު ކަމަށްވާ އިރު، މި މެޝިނުގެ ސަބަބުން އިންޑިއާގެ ސިއްހީ ޚިދުމަތުގައި އޮތް އެންމެ ބޮޑު އެއް ހުސްކަން ފޫބެދިގެންދާނެ އެވެ.

އުރަމަތީ ކެންސަރުގެ ނުރައްކާ އިންޑިއާގައި ކިތަންމެ ބޮޑަސް އެ ބައްޔަށް ސްކްރީންކުރާ މީހުން ނިސްބަތުން މަދެވެ. ކޮންމެ 28 އަންހެނެއްގެ ތެރެއިން އެކަކަށް މި ކެންސަރު ޖެހޭ އިރު، މާ ލަހުން ބަލި ދެނެގަނެވުމުގެ ސަބަބުން، ކޮންމެ ދެ މީހަކުން އެކަކު މަރުވެ އެވެ. މިއީ މި ބަލީގައި މަރުވާ މީހުން ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަތި އެއް އަދަދެވެ.

އެމެރިކާގައި މި މެޝިން ވިއްކުމުގެ ހުއްދަ ވެސް ކިއުރާ އަށް މިހާރު ވަނީ ލިބިފަ އެވެ.