01 ނޮވެމްބަރ 2017 - 19:07

މިހާރު ކަންކަން ހިނގަމުންދާ ގޮތުން، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން ވާނެ ކަމަކަށް ނުބެލެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިޚާބު މިނިވަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވާތީ، އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިޚާބު މިނިވަން ވަނީ ވޯޓުލާ ދުވަހު މިނިވަންކަން ލިބުމުން އެކަނި ނޫން ކަމަށެވެ. އިންތިޚާބެއް މިނިވަން ވާނީ އިންތިޚާބަކާ ހަމައަށް ދާން ކުރާ މަސައްކަތުގައި ވެސް މިނިވަންކަން އޮވެގެން ކަމަށާއި އެ މަންޒަރު މިއަދު ނުފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ޕާޓީތަކުގެ ކެންޑިޑޭޓުން ޖަލުގައި ތިބިއިރު، ޚިޔާލު ފާޅުކުރުމުގައި މީޑިއާގެ މިނިވަންކަމާއި އެއްވެ އުޅުމުގެ ހައްގު ވެސް ހަނިކޮށްފައިވާ ކަމަށާއި ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިޚާބު މިނިވަން ވާނީ އެކަންކަން ހައްލު ކޮށްގެން ކަމަށާއި އެކަމަށްޓަކައި އިދިކޮޅު ފަރާތްތަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"މިދެންނެވި ހުރިހާ ކަމެއް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އަދި ޕާޓީތަކަށް ފޯރުކޮށް ދެވުނީމާ ނޫނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމަކަށް، ނުވަތަ ބޭއްވުނީކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކަކަށް ގަބޫލެއް ނުކުރެވޭނެ،" އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި އިންތިޚާބު މިނިވަންވީ ކަމަށް ބެލެވޭނީ ވާދަކުރަން ބޭނުންވާ ހުރިހާ ކެންޑިޑޭޓުންނަށް އެ ފުރުސަތު އޮތް ނަމަ އެވެ. އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު އަމާޒަކީ ވެސް އެ ޕާޓީއަކުން ބޭނުންވާ ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކައެއް އެއީ ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ބަންދުގައި ބައިތިއްބައިގެން އެ ބާއްވާ އިންތިޚާބެއް އެއީ ސައްހަ އިންތިޚާބަކަށް ވާނެ ކަމަކަށް ގަބޫލުފުޅެއް ނުކުރައްވަމޭ. އެއީ އެމްޑީޕީގެ ވެސް ވިސްނުން އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ވެސް ވިސްނުން،" ހަސަން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރާނެ ގޮތާ މެދު ޕާޓީތަކުގެ އެތެރޭގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެއް ކެންޑިޑޭޓަކު ނެރުމާ މެދު ވެސް ގޮތެއް ނިންމާނީ ލީޑަރުންގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް ފަހު ކަމަށާއި އެކަމަކު އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރާނީ އަބަދުވެސް އެއް އަމާޒަކަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބާ ހަމައަށް ދާނީ މިހާރު އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއް ވިސްނުމެއްގައި މަސައްކަތްކުރާ އަދި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް. އަދި އަޅުގަނޑުމެންގެ މި ގުޅުން މަތީގައި ކަން އަޅުގަނޑުމެން ތިބެގެން ދާނީ." ރިޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ފަހު 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެއްކޮށް މަސައްކަތް ކުރަން އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ އައިމިނަތު ނާދިރާ ވިދާޅުވީ މަޖިލީހުގެ އިތުރު ތިން މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމިޔަސް އެއީ ގޮނޑި ގެއްލިފައިވާ މެމްބަރުން ނޫން ކަމަށެވެ.
އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނުބެލުމަށް ރައްޔިތުންނަށް ގޮވާލައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެއީ އެ މެމްބަރުންގެ ގޮނޑިއެއް ކަމަށް ހެދުމަށް ރައްޔިތުންނަށް އޭނާ ގޮވާލެއްވި އެވެ. އެ މެމްބަރުން ވަކިވިކަން ސާފުކޮށް އެނގެން ނެތް ކަމަށާއި އެކަން ސާފުކޮށް ދިނުމުގެ ގާބިލްކަމެއް ވެސް އިލެކްޝަންސް ކޮމިޝަންގެ ނެތް ކަމަށް ނާދިރާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެމްބަރަކަށް ނެތް ހިތްވަރެއް ތި ބޭފުޅުން ތިތިބީ ވަކިވެފައޭ ބުނުމުގެ. އެއީ ކީއްވެތޯ؟. ގަވާއިދާ ޚިލާފަށް މި ކަންކަން ކުރައްވާތީ. ތިއިން ކޮންމެ ބޭފުޅަކާ ހަމައަށް ގާނޫނު އަރާ ހަމާ ކުރާނެ ކަން ހަނދުމަފުޅު ބަހައްޓަވާތި،" ނާދިރާ ވިދާޅުވި އެވެ.