01 ނޮވެމްބަރ 2017 - 19:06

ޔަންގޮން (ނޮވެމްބަރު 1) - ރަކީން ސްޓޭޓް ދޫކޮށް ދިޔަ ރޮހިންޖާ ރެފިއުޖީން އަނބުރާ ފޮނުވުން ލަސްކުރަމުން ދަނީ ބަންގްލަދޭޝް އިން ކަމަށް މިއަންމާ އިން މިއަދު ބުނެފި އެވެ.
ރަކީންގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުން ހިންގަން ފެށި ފަހުން އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ. ބައިނަލްއަގުވާމީ ގޮތުން އެތައް ޕްރެޝަރެއް ކުރަން ފެށުމުން މިއަންމާ އިން ވަނީ ރެފިއުޖީން ޗެކް ކުރުމަށް ފަހު އަނބުރާ ގެންދަން އެއްބަސްވެފަ އެވެ. ނަމަވެސް މިއަންމާ އިން ކަނޑައަޅާ ކްރައިޓީރިއާ އަކީ ކޮބައިކަމެއް ނޭނގެ އެވެ.
މިއަންމާ ސަރުކާރުގެ ތަރުޖަމާން ޒޯ ޓޭ ވިދާޅުވީ ރެފިއުޖީ އަނބުރާ ގެންދިއުމުގެ މަސައްކަތް ލަސްކުރަނީ ބަންގްލަދޭޝް އިން ކަމަށެވެ.
"މިއަންމާ ސަރުކާރުން މިހާރު ވަނީ ރެފިއުޖީން އަނބުރާ ގެންނަން އެއްބަސްވެފައި. އެކަމަކު ބަންގްލަދޭޝް އިން ދަނީ ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް ގާއިމް ކުރަން ކަމަށް ބުނެ ރެފިއުޖީން ފޮނުވުން ލަސްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ކުރިން ތުހުމަތު ކުރި ގޮތުގައި ރެފިއުޖީން ފޮނުވަން ބަންގްލަދޭޝް އިން ފަސް ޖެހެނީ އެހީގެ ގޮތުގައި ލިބުނު ފައިސާގެ ސަބަބުން ކަމަށެވެ. ނަމަވެސް ބަންގްލަދޭޝް އިން އެކަން ދޮގު ކުރެ އެވެ. އަދި ބަންގްލަދޭޝް އިން ބުނީ ރެފިއުޖީން ފޮނުވާ އިރު ދެ ގައުމުގެ މެދުގައި ހުރި މައްސަލަތައް ހައްލު ކުރަން އެއްބަސްވުމެއް އޮންނަން ޖެހޭނެ ކަމަށެވެ.