01 ނޮވެމްބަރ 2017 - 15:42

ރާއްޖެ އަށް ކުރިން ޗާޓަރު ދަތުރުތަކެއް ކުރި އިޓަލީގެ އަލިޓާލިއާ އިން ޝެޑިއުލް ދަތުރުތަކެއް ފަށައިފި އެވެ.
އިޓަލީގެ ވެރިރަށް ރޯމުން ރާއްޖެ އައި ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު 11:20ގައި ޖެއްސުމުން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދުން ފެށިގެން އެ އެއާލައިނުން ހަފުތާއަކު ތިން ދަތުރު ރާއްޖެއަށް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ 330 މަރުކާގެ 250 ފަސިންޖަރުން އުފުލޭ މަތިންދާބޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އަލިޓާލިއާގެ ޗާޓަރު ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ކުރަން ފެށީ 1985 ވަނަ އަހަރު އެވެ. ނަމަވެސް ފަސް ވަރަކަށް އަހަރަށްފަހު އެ ދަތުރުތައް ހުއްޓާލުމަށްފަހު އަލުން 2014 ވަނަ އަހަރު ވިންޓާ ސީޒަންގައި ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.