މަަރަށް ހާޒިރުވެފައިވާ ދަރި ދެކިލަން ފަލަސްތީނުގެ ގައިދީ އަށް 10 މިނިޓް
މަަރަށް ހާޒިރުވެފައިވާ ދަރި ދެކިލަން ފަލަސްތީނުގެ ގައިދީ އަށް 10 މިނިޓް

ގުދުސް (ނޮވެމްބަރު 1) - މަރަން ހާޒިރުވެފައިވާ ދަރިފުޅު ދެކިލަން ފަލަސްތީނުގެ ގައިދީއަކަށް އިޒްރޭލުން ދިނީ އެންމެ 10 މިނިޓް ކަމަށް އާއިލާ އިން ބުނެފި އެވެ.

ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ފަލަސްތީނުގެ ގައިދީ ރަޖަބް ތައްހާން އިޒްރޭލުން ބަންދުކޮށްފައި ވަނީ އުމުރު ދުވަހަށެވެ. އޭނާގެ ލިޔުކީމިއާ ޖެހިފައިވާ ދަރިފުޅު މަޖްދު ތައްހާން އޮތީ ގުދުސްގެ ހަދައްސާ ހޮސްޕިޓަލުގަ އެވެ. ރަޖަބުގެ އާއިލާ އިން ބުނީ ދަރިފުޅު ދެކިލަން ދިއުމަށް ރަޖަބަށް އިޒްރޭލުގެ ކޯޓުން ވަނީ ހަރުކަށި ޝަރުތުތައް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ދަރިފުޅާ ބައްދަލު ކުރާ އިރު އިތުރު މީހަކު ކޮޓަރީގައި ނެތުން ހިމެނެ އެވެ.

މަޖްދުގެ ބޮޑު ބޭބެ ބުނީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި މަޖްދު އެކަނި ސިކުންތަކަށް ވެސް ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ. އަދި މަޖްދުގެ ހާލަތު ދަށްވުމުން އޭނާ ދަނީ 24 ގަޑިއިރު ބަލަހައްޓަމުން ކަމަށް ބުންޏެވެ.

މަޖްދުގެ އުމުރުން 19 އަހަރުވެފައިވާ އިރު ބައްޕައާ އެކު އުޅެން އޭނާ އަށް ލިބިފައި ވަނީ އެކި ފަހަރު މަތިން މުޅި އެކު ދެ އަހަރާ އަށް މަސް ދުވަހެވެ. އާއިލާ އިން ބުނީ މަޖްދު ދެނެގަންނަން ވެސް ބައްޕަ އަށް ފުރަތަމަ ނޭނގުނު ކަމަށެވެ. ބަލީގެ ސަބަބުން ދަރިފުޅުގެ ސިއްހަތަށް ބޮޑު ބަދަލެއް އައިސްފައިވާތީ އެވެ.

އިޒްރޭލުގެ ވަޒަންވެރިއަކު މަރާލުމުގެ ތުހުމަތުގައި ރަޖަބް ޖަލަށްލީ 1998 ވަނަ އަހަރު އެވެ. އޭރު މަޖްދުގެ އުމުރުން ހަތަރު މަހެވެ. ހަމާސް އިން ހައްޔަރު ކުރި އިޒްރޭލް ސިފައިންގެ މީހަކު ދޫކޮށްލާ މަތިން ރަޖަބް ވަނީ 2011 ވަނަ އަހަރު މިނިވަންކޮށްފަ އެވެ. އެކަމަކު ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގި އޮޕަރޭޝަނެއްގައި 2011 ގައި އިޒްރޭލުން ދޫކޮށްލި ގިނަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ރަޖަބް ވެސް ހިމެނެ އެވެ.