ބީއެމްއެލްގެ އޭޓީއެމް އިން ފައިސާ ނެގުމުން ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސަނީ
ބީއެމްއެލްގެ އޭޓީއެމް އިން ފައިސާ ނެގުމުން ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ފައިސާ ނެގުމުން ފޯނަށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ 8ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ އޭޓީއެމްތަކުން ފައިސާ ނަގާ ކަސްޓަމަރުންނަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ނުލިބުނު ނަމަވެސް އޭޓީއެމް މެދުވެރިކޮށް ޑިޕޮޒިޓް، ޓްރާންސްފަ އަދި ފައިސާ ދެއްކުމުން ޓްރާންސެކްޝަން ފުރިހަމަވެފައިވާކަން ޔަގީންކުރުމަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ކުރަމުން އަންނަ މަސައްކަތުގެ އެއްބައި ކަމަށެވެ. އެގޮތުން ރިސިޕްޓް ޕްރިންޓް ކުރާ ކަރުދާސް މަދުކުރެވުމާއެކު ކުނި ގިނަވުމުގެ މައްސަލައަށް ވެސް ލުޔެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"މިހާރުވެސް ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ޓްރާންސެކްޝަންތަކުގެ ތަފްސީލް ބެލުމަށް މޮބައިލް އެޕް އިހުތިޔާރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި. އަދި ވަރަށް ގިނަ ކަސްޓަމަރުންނަށް މިހާރު ވެސް މޮބައިލް ފޯނަށް އެސްއެމްއެސްގެ ޒަރީއާއިން ޑިޖިޓަލް ރިސިޕްޓް، ނުވަތަ ޓްރާންސެކްޝަން އެލާޓް ލިބެމުން ދޭ،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އޭޓީއެމް އިން ފައިސާ ނެގުމުން ޓްރާންސެކްޝަން އެލާޓް މޮބައިލް ފޯނަށް ލިބެމުން ނުދާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އޭޓީއެމްއެއް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު އެ ދުމަތަށް އެފަރާތެއްގެ މޮބައިލް ނަންބަރު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ މިހާރު ކުރެވޭ ކޮންމެ ދިހަ ޓްރާންސެކްޝަންއަކުން ނުވަ ޓްރާންސެކްޝަން ކުރެވެނީ އޮންލައިންކޮށް ކަމަށެވެ. އެކަމުގެ ސަބަބުން ބްރާންޗްތަކުން ހިދުމަތް ހޯދުމަށް ކިޔޫގައި މަޑުކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"މިއަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ޕާސަނަލް ކަސްޓަމަރުންނަށް އަމާޒުކޮށް އިންޓަނެޓް ބޭންކިން އަށް އާ ބަދަލުތަކެއް ގެނެސްފައި. އަލަށް ތައާރަފް ކުރި ހިދުމަތްތަކާއި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން މި ހިދުމަތަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ދަނީ ލިބެމުން،" އެ ބޭންކުން ބުންޏެވެ.