01 ނޮވެމްބަރ 2017 - 15:30

ހުޅުމާލޭގެ އިރުމަތީ ފަރާތު ބީޗް ފްރަންޓް ގޯތިތަކުގެ ކުރިމަތިން ގޮނޑުދޮށާ ދެމެދު އޮންނަ ހުސް ބިންތަކުން ކުލި ނަގާ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހަމަޖައްސައިފި އެވެ.

ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓާ ކުންފުނިން ނެރުނު ގަވައިދުގައިވާ ގޮތުން އެ ރަށުގެ އެންމެ އިރުމަތީ މަގުގެ އަތިރި މައްޗާވީ ފަޅީގައި އޮންނަ ހުސް ބިންތައް ކުއްޔަށް ދެނީ އަކަފޫޓެއް 12ރ. ގެ ރޭޓުންނެވެ. އެ ބިންތައް ކުއްޔަށް ދެނީ ބީޗް ފްރަންޓުގެ ގޯއްޗެއްގައި ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
އެ ބިންތައް ބޭނުން ފަރާތްތަކުން އެޗްޑީސީއަށް ފޯމް ހުށަހަޅަން ޖެހެ އެވެ.
ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ބީޗަށް ވާ ގޮތަށް އޮންނަ ހުސް ބިންތައް އެ ތަންތަނުން ބޭނުންކުރިޔަސް އެއްވެސް ކުއްޔެއް މިހާތަނަކަށް ނުނަގަ އެވެ.
އެޗްޑީސީގެ ގަވައިދުވާ ގޮތުން އެ ބިންތައް ކުއްޔަށް ދެނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެ ބިމުގައި ކައުންޓަރު ބަހައްޓައިގެން ވިޔަފާރިއެއް ނުކުރެވެ އެވެ. އަދި އެތަނުގައި ކެއްކުމާއި އަލިފާން ރޯކުރުމާއި އަޑުގަދަކޮށް ހެދުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެޗުޑީސީގެ ގަވައިދުގައިވާ ގޮތުން އެ ބިންތައް ބޭނުންކުރެވޭނީ ހިތްފަސޭހަކޮށްލަން ގޮނޑި ބެހެެއްޓުމަށާއި ކުއްޔަށް ހިފާފައިވާ ފަރާތުގެ ގޯތީގައި ހިންގާ ކެފޭ ނުވަތަ ރެސްޓޯރަންޓުން ދޭ ކެއިން ބުއިމުގެ ހިދުމަތް ދިނުމަށާއި ޕާޓީ ފަދަ ހަފުލާތައް ބޭއްވުމަށެވެ.
އެޗްޑީސީން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ އުސޫލާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.