01 ނޮވެމްބަރ 2017 - 14:38

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދަށް ރިޝްވަތުގެ ގޮތުގައި މީހަކު ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިިންމައިފި އެވެ.
ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވުމަށް ފަހު 2015 ގައި އިސްތިއުފާ ދެއްވާފައިވާ ޝުޖޫން ހޭޔަންބޯގެ ޕްރޮގްރާމެއްގައި 2014 ވަނަ އަހަރު ވިދާޅުވެފައި ވަނީ އޭނާ ބެއްލެވި މައްސަލައެއް ވަކި ގޮތަކަށް ނިންމައި ދިނުމަށް އެދި މީހަކު ފަސް މިލިއަން ޑޮލަރު(77 މިލިއަން ރުފިޔާ) ހުށަހެޅި ކަމަށެވެ. އެއީ ކާކުކަން ވިދާޅު ނުވެ، ޝުޖޫން ވިދާޅުވެފައިވަނީ އެ ހުށަހެޅުމަށް އޭނާ ދެކޮޅު ހައްދަވައި، ކޯފާ އިސް ކުރެއްވުމުން އެ މީހާ ދިޔައީ ކަމަށެވެ.
އެ މައްސަލަ އޭސީސީގެ އިސް ނެގުމުގައި ބެލުމަށް ފަހު މިދިޔަ ޖުލައި މަހު އެ ކޮމިޝަނުން ނިންމާފައިވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ މައުލޫމާތު ނުލިބޭ ކަމަށާއި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އެހެންވެ، އެއީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ފަނޑިޔާރަކަށް ރިޝްވަތު ހުށަހެޅުމަކީ ގިނަވެގެން 10 އަހަރަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް ހުކުމް ކުރެވޭ ކަމެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރި ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ގާޒީ ޝުޖޫން އަކީ މަދަނީ ބޮޑެތި މައްސަލަތަކެއް ބެއްލެވި ގާޒީއެކެވެ.