ލޮލަށް ވެއްޓޭ އެއްޗެއް އަވަހަށް ނަގަންވާނެ
ލޮލަށް ވެއްޓޭ އެއްޗެއް އަވަހަށް ނަގަންވާނެ

ލޮލަށް އެއްޗެއް ވެއްޓިއްޖެ ނަމަ އެކަމާ ނޫޅެ ދެން އެހެން ކަމެއް ނުކުރެވޭނެ އެވެ. ލޮލަށް ވެއްޓުނީ އެސްފިޔައަކަށް ވެސް ވެދާނެ އެވެ. ކުނިކޮޅަކަށް ވެސް ވެދާނެ އެވެ. ބައެއް ފަހަރަށް ވެލި ވެސް އެޅެ އެވެ. އަދި ކުނަމެހި ކަހަލަ ދިރޭ އެއްޗެއް ވެސް ވެއްޓިދާނެ އެވެ.

ލޮލަށް ވެއްޓުނީ ކޮންމެ އެއްޗެއް ނަމަވެސް އެ އެއްޗެއް ވީހާވެސް އަވަހަކަށް ނެގުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ލޮލުގައި އެއްޗެއް ޖެހުމަކީ ވަރަށް ބޮޑު ވޭނަކަށް ވުމުގެ އިތުރުން އެ އެއްޗެއް ލޮލުތެރޭގައި މާގިނައިރު އޮވެއްޖެ ނަމަ ލޮލަށް އިންފެކްޝަނެއް ޖެހުމުގެ ނުރައްކާ ވެސް އޮންނާނެ އެވެ.

ލޮލަކީ ވަރަށް ނާޒުކު ގުނަވަނަކަށް ވާތީ ވީހާވެސް މަޑުމައިތިރިކަމާ އެކު ލޮލަށް ފަރުވާ ދޭށެވެ. ލޮލަށް އެއްޗެއް ވެއްޓުމާއެކު ގިނަ މީހުންނަށް އެންމެ ފުރަތަމަ ވެސް ކުރެވޭ ކަމަކީ ބާރަށް ލޯ އުނގުޅުމެވެ.

އޮހާޔޯ ސްޓޭޓް ވެޒްނާ މެޑިކަލް ސެންޓަރުގެ ލޮލުގެ ޚާއްސަ މާހިރެއް ކަމަށްވާ ރެންޑީ މެކްލާފްލިން، ހެލްތު މަޖައްލާ އަށް ވިދާޅުވެފައިވާ ގޮތުގައި ލޮލަށް އެއްޗެއް ވެއްޓިއްޖެ ނަމަ އެ އެއްޗެއް ނަގަން މަސައްކަތް ކުރަން ޖެހޭނީ ވަރަށް ފަރުވާތެރި ކަމާއެކުގަ އެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ދެ އަތް ރީއްޗަށް ދޮވުމެވެ. އެއްވެސް ހާލެއްގައި ލޯ އުނގުޅައިގެން ނުވާނެ އެވެ. ލޯ އުނގުޅާލައިފި ނަމަ ލޮލުގެ ކޯނިއާ އަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ލޮލަށް ވެއްޓިފައި ވަނީ މާ ބޮޑު އެއްޗެއް ނަމަ ނުވަތަ ލޮލުގައި އެ އެއްޗެއް ހަރުލާފައި އިން ނަމަ އެ އެއްޗަކާ ނުކުޅެ އަވަހަށް ޑޮކްޓަރަކާ ހަމައަށް ދިއުމަށް އޭނާ އިރުޝާދު ދެއްވި އެވެ.

ޑރ. މެކްލާފްލިން ވިދާޅުވީ ލޮލަށް އެއްޗެއް ވެއްޓުމުން އެންމެ އަވަހަށް ކުރަން ޖެހޭނެ ކަމަކީ ރީތި ފެނުން ލޯ ދޮވުމެވެ. މިގޮތަށް ލޯ ދޮވުމުން ލޮލަށް ވެއްޓިފައިވާ އެތި، ވަރަށް ގިނަ ފަހަރަށް ނެގޭނެ އެވެ. އޮހޮރިގެންދާ ގޮތަށް ފެން އެޅުން ނުވަތަ ސާފު ފެން އެކުލެވޭ، ލޮލަށް އަޅާ ބޭހެއް ހުރިނަމަ އެފަދަ ބޭހެއް އެޅިޔަސް ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ލޮލަށް އެއްޗެއް ވެއްޓި ނުނެގި އިން ނަމަ ވަގުތުން ޑޮކްޓަރަކަށް ދައްކަން ޖެހޭނެ އެވެ. ބައެއް މީހުން ލޮލުގައި އެއްޗެއް އިނަސް ޑޮކްޓަރެއް ކައިރިއަށް ނުގޮސް އެތައް ދުވަހެއް ވަންދެން ތިބޭ ކަމަށާއި މިއީ ވަރަށް ބޮޑު ގޯހެއް ކަމަށް ޑރ. މެކްލާފްލިން ވިދާޅުވި އެވެ.

ލޮލަށް ވެއްޓުނު އެއްޗެއް ނުނެގި ގިނައިރުވާ ވަރަކަށް އެއިން ލޮލަށް ލިބޭ ގެއްލުންތައް އިތުރުވަމުންދާނެ ކަމަށާއި އިންފެކްޝަނެއްގެ ފުރުސަތު ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ކައިރިއަށް ދިއުމުން ބައޯމައިކްރޮސްކޯފް ނުވަތަ ސްލިޓް ލޭމްޕެއް ބޭނުންކޮށްގެން ލޮލުގެ އެތެރެ ބެލުމަަށް ފަހު، ލޮލަށް ވެއްޓުނު އެތިކޮޅު އިނީ ލޮލުގެ ތެރޭގައި ތާށިވެފައިތޯ އާއި އެ ނެގޭނެ ގޮތަކީ ކޮބައިތޯ ބަލައި އަވަހަށް އެ ނަގައިދޭން މަސައްކަތް ކުރާނެ އެވެ.

ލޮލަށް އެއްޗެއް ވެއްޓުމުން އެ އެއްޗެއް ގޭގައި ހުރެގެން ނެގުނު ނަމަވެސް ލޯ ރަތްވެ ތަދުވާ ނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށް ވެސް ޑރ. މެކްލާފްލިން ވިދާޅުވި އެވެ.