01 ނޮވެމްބަރ 2017 - 13:31

ނިއު ޔޯކް (ނޮވެމްބަރު 1) - އެމެރިކާގެ ނިއު ޔޯކުގެ ލޯވާ މެންހަޓަންގައި ބައިސްކަލް ދުއްވަން އޮންނަ މަގަކަށް ޓްރަކެއް ވައްދާލުމުން މަރުވި އަށް މީހުންގެ ތެރޭގައި އާޖެންޓީނާގެ ފަސް އެކުވެރިން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބައިސްކަލްގައި ދުއްވި މީހުންގެ ގައިގައި ޓްރަކުން ޖެއްސީ އުޒްބެކިސްތާނުން އެމެރިކާ އަށް 2010 ވަނަ އަހަރު ހިޖުރަކުރި މީހެއް ކަމަށްވާ 29 އަހަރުގެ ސައިފުﷲ ސައިޕޯވް އެވެ. އޭނާ ވެހިކަލުން ފޭބިތަނުން ފުލުހުން ވަނީ ބަޑި ޖަހައިފަ އެވެ. ވެހިކަލުން ފައިބަމުން އޭނާ ﷲ އަކްބަރު ގޮވަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ޓްރަކް ހަމަލާ އަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އަށް ވަންނަ މީހުން މިހާރަށް ވުރެ ބޮޑަށް ޗެކް ކުރަން ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓަށް އަންގަވައިފަ އެވެ.
ޓްރަކް ހަމަލާގައި އާޖެންޓީނާގެ ފަސް އެކުވެރިން މަރުވިކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެ މީހުން ނިއު ޔޯކަށް ގޮސް އުޅުނީ ގްރެޖުއޭޝަނަށް 30 އަހަރު ފުރުން ފާހަގަ ކުރަން ދިޔަ 10 މީހުންގެ ގްރޫޕަކާ އެކު އެވެ. އާޖެންޓީނާގެ ފޮރިން މިނިސްޓްރީން ބުނީ މަރުވި ފަސް އެކުވެރިންގެ އުމުރަކީ 48-49 އަހަރު ކަމަށެވެ. އާޖެންޓީނާގެ 10 މީހުންގެ ތެރޭގައި ހިމެނުނު އެކަކު ވަނީ ޓްރަކް ހަމަލާގައި ޒަޚަމްވެފަ އެވެ. އޭނާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ޓްރަކް ހަމަލާގައި ދެން މަރުވީ ބެލްޖިއަމް މީހެކެވެ. އަނެއް ދެ މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި ނޭނގެ އެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ހުދު ކުލައިގެ ޓްރަކް، ބައިސްކަލް މަގުން ފުލް ސްޕީޑުގައި ދުއްވާފައި ދިޔައީ ގަސްދުގައި މީހުންގެ ގައިގައި ޖައްސަން ކަމަށެވެ.