އަންނަ އަހަރު ވެސް ނިއުގެ ކޯޗަކަށް އޮސްކާ
އަންނަ އަހަރު ވެސް ނިއުގެ ކޯޗަކަށް އޮސްކާ

ނިއު ރޭޑިއަންޓުގެ ސްޕެއިން ކޯޗު އޮސްކާ ބްރުޒޮން އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާގެ ހިދުމަތް އަންނަ އަހަރު ވެސް ހޯދަން ނިންމައި ދެ ފަރާތާ އެކު ނިއު އިން މިއަދު ކޮންޓްރެކްޓް އާކޮށްފި އެވެ.

ނިއު އިން ބުނީ އޮސްކާ އާއި ކަންޑޭލާއާ މެދު ކްލަބުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

އޮސްކާއާ އެކު ނިއު އިން އަންނަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި މޮޅު ކުޅުމެއް ދައްކައި ނަތީޖާ ވެސް ނެރެމުންނެވެ. ލީގުގެ އެއް ވަނައިގައި 30 ޕޮއިންޓާ އެކު ނިއު އޮތް ނިއު މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ.

މި ސީޒަނަށް ނިއު އިން އެންމެ ފުރަތަމަ ގެނައީ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އެވެ. ނަމަވެސް އޭނާއާ އެކު ނަތީޖާތައް ދަށްވުމުން އެސްޓީއޯ މާލޭ ލީގުގެ ފަހުކޮޅު މަގާމުން ވަކިކުރުމަށް ފަހު އޮސްކާ ގެނައީ އެވެ.

އުމުރުން 40 އަހަރުގެ ބްރުޒޮން ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ.

އޭނާ ސީނިއާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2013 ވަނަ އިންޑިއާ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އަށް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2015 ގައި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީގެ އެފްސީގެ ކޯޗު ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ.

އޭނާ މިދިޔަ ސީޒަނުގައި ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަންކުރިއިރު މި އަހަރުގެ އައި ލީގުގެ ފަހު ހަ މެޗުގައި މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިނެވެ.

އޮސްކާއާ އެކު ނިއު އަށް ގެނައި ކަންޑޭލާ އަކީ އެ ޓީމުން މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. މެދުތެރެއިން ނިއުގެ ޓީމު ލައްވައި ކުޅުވައި އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ.