01 ނޮވެމްބަރ 2017 - 12:21

މެޑްރިޑް (ނޮވެމްބަރު 1) - ކެޓަލޯނިއާގެ ވެރިކަމުން ދުރުކުރި ކާލްސް ޕުޖްޑެމޮން އާއި އިތުރު 13 މެމްބަރަކު ސްޕޭނުގެ ހައި ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.
ހައި ކޯޓުން ވަނީ ލިބުނު ގެއްލުމުގެ ބަދަލަށް 7.2 މިލިއަން ޑޮލަރު ދެއްކުމަށް ތިން ދުވަހުގެ މުއްދަތު އެ މީހުންނަށް ދީފަ އެވެ. ކެޓަލޯނިއާގެ ވެރިން ކޯޓަށް ހާޒިރުކުރާ އިރު ސްޕޭނުގެ އެޓާނީ ޖެނެރަލް ވަނީ އެ މީހުންގެ މައްޗަށް ބަޣާވާތުގެ ދައުވާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޯޓު އުމުރު ނެރުނު އިރު ޕުޖްޑެމޮން އާއި އޭނާގެ ސަރުކާރުގެ ގިނަ ވަޒީރުން މިހާރު ތިބީ ބެލްޖިއަމުގަ އެވެ. ޕުޖްޑެމޮން އިއްޔެ ވިދާޅުވީ އެ ގައުމުން ސިޔާސީ ހިމާޔަތް ހޯދަން މަސައްކަތް ނުކުރާ ކަމަށެވެ. ޕުޖްޑެމޮން ވިދާޅުވެފައި ވަނީ އިންސާފުވެރި ޝަރީއަތެއް ކުރިއަށްދާނެކަމުގެ ޔަގީންކަން ލިބިއްޖެ ނަމަ އަނބުރާ ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ބްރަސެލްސްގެ ޕްރެސް ކަލްބުގައި ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވިދާޅުވީ ޑިސެމްބަރު 21 ވަނަ ދުވަހު ކެޓަލޯނިއާގައި ބާއްވާ އިންތިޚާބުގައި އޭނާގެ ޕާޓީން ވެސް ވާދަކުރާނެ ކަމަށާއި އަދި ރައްޔިތުންގެ ނިންމުން ގަބޫލް ކުރާނެ ކަމަށެވެ.
ކެޓަލޯނިއާގައި މިނިވަންކަން އިއުލާން ކުރުމާ ގުޅޭ ވޯޓެއް ނެގީ އެއީ ގާނޫނު އަސާސީއާ ޚިލާފު ވޯޓެއް ކަމަށް ސްޕޭނުގެ ދުސްތޫރީ ކޯޓުން އަންގާފައި ވަނިކޮށެވެ. ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ސްޕޭނުން މިހާރު ވަނީ ކެޓަލޯނިއާގެ ބާރުތައް ނަގައިފަ އެވެ.
އަނެއްކޮޅުން، އުވާލި ކެޓަލޯނިއާގެ ޕާލަމެންޓުގެ ރައީސް ކަރްމޭ ފޯކާޑެލް އާއި ޕާލަމެންޓުގެ ގިނަ މެންބަރުން ސުޕްރީމް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.