"ޕަދްމާވަތީ"ގެ ލަވައެއްގެ ޝޮޓެއް ރަންވީރަށް 10 ފަހަރު ކުޅެން ޖެހުނު
"ޕަދްމާވަތީ"ގެ ލަވައެއްގެ ޝޮޓެއް ރަންވީރަށް 10 ފަހަރު ކުޅެން ޖެހުނު

"ޕަދްމާވަތީ"ގެ ލަވައެއްގެ ޝޫޓިންގައި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ، ރަންވީރު ލައްވައި އެއް މަންޒަރެއް 10 ފަހަރަށް ނަގުވައިފި އެވެ.

މިއީ މިހާތަނަށް ބާންސާލީގެ ފިލްމެއްގައި ރަންވީރު ލައްވާ ކުޅުވި އެންމެ ވަރުގަދަ ލަވަ އެވެ. މި ލަވަ ރިލީޒްކުރަން ޑައިރެކްޓަރު ގަސްތުކުރަނީ ފިލްމު ރިލީޒްކުރާ ދުވަހާ ގާތް ކޮށްފައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ގަނޭޝް އަޗާރިޔާ ކޯރިއޮގްރާފް ކޮށްފައިވާ މި ލަވައަށް ގިނަ ދުވަސްތަކަކު ރަންވީރު ވަނީ ފަރިތަކޮށްފަ އެވެ. މި ލަަވައިގައި ރަންވީރާ އެކު 200 ނެށުންތެރިން ބައިވެރިވެ އެވެ. ދާދިފަހުން މި ލަވައެއްގެ ކުޑަކުޑަ ތަންކޮޅެއް ހިމެނޭ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ވަނީ ރިލީޒްވެފަ އެވެ. ނަމަވެސް މި ލަަވައާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރި މީހަކު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި ޕޯސްޓަރުގައި އެ ފެންނަނީ ލަވައިގެ ވަރަށް ކުޑަކުޑަ ތަންކޮޅެކެެވެ.

"ޕަދްމާވަތީ"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ވެސް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ރަންވީރުގެ ޑައިލޯގްތަކާއި އޭނާގެ ކެރެކްޓާ އެވެ. އޭނާގެ ކޮންމެ މަންޒަރެއް އަދި ކޮންމެ ޑައިލޯގެއް ވެސް ވަރަށް ފުރިހަމަކަމަށް ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މި ފިލްމުގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންވީރު ވަނީ ވަރަށް ބުރަކޮށް ދިގު މުއްދަތަކަށް މަސައްކަތްކޮށްފަ އެވެ.

ދާދިފަހުން ފިލްމްފެއާ މަޖައްލާއަށް ރަންވީރު ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި "ޕަދްމާވަތީ"ގައި އޭނާ ކުޅުނު އަލާއުުއްދީން ޚިލްޖީގެ ކެރެކްޓާއަކީ އަކީ ކުޅެން ވަރަށް އުނދަގޫ ކެރެކްޓާއެކެވެ. ޚާއްސަކޮށް ބާންސާލީ ކަހަލަ ޑައިރެކްޓަރަކާ އެކު މިފަދަ ރޯލެއް ކުޅެން އިތުރަށް އުނދަގޫވާނެ ކަމަށް އޭނާއާއެކު މަސައްކަތް ކޮށްފައިވާ އެކްޓަރުން ގަބޫލުކުރާނެ އެވެ.