ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ
ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

ބެއިޖިން (ޖުލައި 4) - އެކި ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމައިފި އެވެ.

ޕަރަސެލް އައިލެންޑްސްއާ ކައިރީގައި ޗައިނާ އިން ތަމްރީނުތައް ބާއްވަނީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ބައެއް ގައުމުތަކުން ހުށަހަޅާފައިވާ މިލްކުވެރިކަމުގެ މައްސަލާގައި ބައިނަލްއަގުވާމީ ކޯޓުން ގޮތެއް ނިންމަން ތައްޔާރުވެފައި ވަނިކޮށެވެ. ޗައިނާ އިން އަސްކަރީ ތަމްރީނުތައް ބާއްވަނީ ޖުލައި 5-11 އަށެވެ. ޗައިނާ އިން ވަނީ އެ މުއްދަތުގައި ދެކުނު ޗައިނާ ކަނޑަށް އުޅަނދުތައް ނުވަނުމަށް އިންޒާރު ދީފަ އެވެ.

ޗައިނާ އިން ދަނީ ދެކުނު ޗައިނާ ކަނޑުގައި ދޭތެރެ ދޭތެރެ އިން އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. ޗައިނާގެ ތަމްރީނުތަކާ މެދު ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ، ބުރޫނާއީ އަދި ޓައިވާނުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ދެކުނު ޗައިނާ ކަނޑާ މެދު ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނުގެ ނިންމުން ނިންމާ ގޮތަށް އޮތީ މި މަހު 12 ވަނަ ދުވަހު އެވެ. ދެކުނު ޗައިނާ ކަނޑު ޗައިނާ އިން ވެރިކޮށްގެން އުޅޭތީ އެ ކަނޑުގެ މިލްކުވެރިކަމާ މެދު ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ފިލިޕީންސް އިންނެވެ. ޗައިނާ އިން ވަނީ ކޯޓު މަރުހަލާގެ އަޑު އެހުންތައް ބޮއިކޮޓް ކޮށްފަ އެވެ. ޗައިނާ އިން ބުނަމުން ދަނީ ދެކުނު ޗައިނާ ކަނޑާ މެދު ގޮތެއް ނިންމުމުގެ ބާރު އެ ޕެނަލަށް ލިބިގެން ނުވާ ކަމަށެވެ.