ޝާހިދު މިހާރު އުޅެނީ މޫނު ފޮރުވައިގެން
ޝާހިދު މިހާރު އުޅެނީ މޫނު ފޮރުވައިގެން

"ޕަދްމާވަތީ"ގެ ޝޫޓިން ނިމުމާ އެކު ޝާހިދު ކަޕޫރުގެ ސިފަޔަށް ބޮޑު ބަދަލެއް ގެނެސްފި އެވެ. އަދި މިހާރު އޭނާ ހުރި ސިފަ މީޑިއާ އަށް ފޮރުވަން ޝާހިދު ވަރަށް މަސައްކަތްކުރެ އެވެ.

ޝާހިދު މިހާރު އުޅެނީ މޫނު ފޮރުވައިގެން
ޝާހިދު މިހާރު އުޅެނީ މޫނު ފޮރުވައިގެން

"ޕަދްމާވަތީ" ގައި ޝާހިދު ހުންނަނީ ވަރަށް ދިގު ތުނބުޅިއަކާއި މަތިމަހެއް ލައިފަ އެވެ. އަދި އިސްތަށިގަނޑު ވެސް ދިގުކޮށް ވަރަށް ޝާހީ ގޮތަކަށް ސްޓައިލްކޮށްފަ އެވެ. ޝާހިދުގެ ސިފަ މިގޮތަށް ބެހެއްޓީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގައި އޭނާ ކުޅެނީ ކުރީ ޒަމާނުގެ ރަސްކަލެއްގެ ރޯލު ކަމަށް ވާތީ އެވެ.

އެހެންކަމުން "ޕަދްމާވަތީ"ގެ ޕްރޮމޯޝަންގައި ވެސް އެ ފިލްމުގައި ޝާހިދު ހުންނަ ސިފައިގައި ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި އެވެ. ނަމަވެސް ދާދިފަހުން އެއާޕޯޓުން ޝާހިދު ފެނުނު މީހުންނަށް އޭނާ ފެނުނީ މުޅިން ތަފާތު ސިފައެއްގަ އެވެ. އަދި އޭނާ މިހާރު ހުރި ސިފައިގައި ފޮޓޯ ނެގިޔަ ނުދިނުމަށްޓަކައި ޝާހިދު ހުންނަނީ ބޮލުގައި ތޮތްޕެއް އަޅައިގެން މޫނުމަތީގައި ފޮތިގަނޑެއް ބަނދެގެންނެވެ.

ޝާހިދު އޭނާގެ ސިފަ ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް ފޮޓޯތަކަށް ބެލުމުން އޭނާގެ އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލާފައި ހުރިކަން ޔަގީންވެ އެވެ.

ކުއްލިއަކަށް ޝާހިދުގެ ސިފަޔަށް މި ގެނައި ބަދަލާއި އޭނާ މި ސިފަ ފޮރުވަން އެހާ ބޮޑަށް މަސައްކަތް ކުރާތީ ގިނަ މީހުންނަށް ހީވީ މިއީ ޝާހިދު ދެން އެންމެ އަވަހަށް ކުޅެން ފަށަން ހަމަޖެހިފައިވާ "ބައްޓީ ގުލް މީޓަރު ޗާލޫ"ގައި އޭނާ ހުންނަ ސިފަ ކަމަށެވެ. ނަމަވެސް މިއީ ފިލްމާ ގުޅޭ ކަމެއް ނޫން ކަމަށް ޝާހިދުގެ ގާތް މީހަކު ބުނެފައިވެ އެވެ.

އެމީހާ ބުނެފައިވާ ގޮތުގައި ޝާހިދުގެ އާ ފިލްމު ފަށަން ހަމަޖެހިފައި ވަނީ ޖެނުއަރީ މަހު އެވެ. އެހެންވެ އެ ފިލްމަށް އޭނާ މިހާ އަަވަހަށް ސިފަ ބަދަލެއް ނުކުރާނެ އެވެ. ފަހަރެއްގައި މިއީ އިޝްތިހާރެއް ކުޅުމަށް ޝާހިދުގެ ސިފަޔަށް ގެނައި ބަދަލަކަށް ވެދާނެ ކަމަށް އެ މީހާ ބުންޏެވެ. ނުވަތަ އާ އަހަރަކަށް އާ ގޮތަކަށް ސިފަ ބަދަލުކޮށްލަން އޭނާ ބޭނުންވަނީ ކަމަށް ވެދާނެ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.