03 ނޮވެމްބަރ 2017 - 05:36

މަޝްހޫރު ބަތަލު ވަރުން ދަަވަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް ރުޅިވެއްޖެ ކަމުގެ ޚަބަރުތައް ވަރަށް ގަދަޔަށް ދެކެވެން ފަށައިފި އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން މާ ބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.
ވަރުން އާއި ނަތާޝާ ވަރަށް ގިނައިން ބޭރު ތެރެއިން، އަތުގުޅާލައިގެން އުޅެނިކޮށް ފެނުނު ނަމަވެސް މި ގުޅުމުގެ ވާހަކަ ވަރުން މީޑިއާއަކަށް ކިޔައެއް ނުދެ އެވެ. އޭނާ ބުނަނީ ޒާތީ ދިރިއުޅުމުގައި އޭނާ ކުރާ ކަންތައްތައް ހާމަކުރަން ނޭދޭ ކަމަށެވެ. އެންމެ ފަހުން މި ދެ މީހުން އެކުގައި ފެނިފައިވަނީ ވަރުންގެ "ޖުޅްވާ 2"ގެ ސްޕެޝަލް ސްކްރީނިން ބޭއްވި ރޭގަ އެވެ.
އޭގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އެމީހުންގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި ވަރުން އާއި ނަތާޝާ ވަނީ ރުޅިވެފަ އެވެ. ދެ މިހުން މައްސަލަ ޖެހޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ރުޅިވާން ނިންމީ މައްސަލަތައް ހައްލު ކުރޭވޭނެ މަގެއް ނުފެނިގެން ކަމަށް ވެސް އެ މީހާ ބުންޏެވެ.
މި ވާހަކަތައް މިހާރު ހޫނުވެގެން އުޅެނީ މިފަހަރުގެ ދިވާލީގައި ބޭއްވި ޕާޓީތަކުން ވަރުން އެކަނި ފެނިފައިވާތީ އެވެ. ކުރިން އަބަދުވެސް ވަރުން ޕާޓީތަކަށް ދަނީ ނަތާޝާ ގޮވައިގެންނެެވެ. އެހެންވެ އޭނާ އެކަނި ޕާޓީތަކުން ފެނުމުން މި ވާހަކަ މާ ބޮޑަށް ދެކެވެން ފެށީ އެެވެ.
ވަރުން އާއި ނަތާޝާގެ ކަންތައްތައް އެނގޭ އެހެން މީހަކު ބޮލީވުޑްލައިފަށް ކިޔައިދީފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ނަތާޝާ ވަރަށް ދެރަވެފައި ހުއްޓާ ވަނީ ފެނިފަ އެވެ. އަދި ރެސްޓޯރަންޓަކަށް ގޮސް އެކުވެރިންތަކެއް ކައިރީ ރޮއެރޮއެފައި ވަރުން ކަންތައް ކުރާ ގޮތުގެ ވާހަކަ ނަތާޝާ ދެއްކި ކަމަށާއި ވަރުން ރުޅިއައިސްގެން ނަތާޝާއާ ގުޅުން ކަނޑާލަން ނިންމީ މިކަން އެނގިގެން ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
ވަރުން މިވަގުތު އުޅެނީ "އޮކްޓޯބަރު" ކިޔާ ފިލްމެއްގެ ޝޫޓިންގައެވެ. މިއީ ވަރަށް ހިތާމަވެރި ހާދިސާތަކެއް ވަރުން އަށް ދިމާވާ ފިލްމެކެވެ.