ތަރައްގީކޮށް ނިމުމުގެ ކުރިން ރިސޯޓްތަކުގެ ލީސް ބަދަލުކުރާ ނަމަ އެއް ލައްކަ ޑޮލަރުގެ ފީއެއް ނަގަނީ
ތަރައްގީކޮށް ނިމުމުގެ ކުރިން ރިސޯޓްތަކުގެ ލީސް ބަދަލުކުރާ ނަމަ އެއް ލައްކަ ޑޮލަރުގެ ފީއެއް ނަގަނީ

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާ ގުޅޭގޮތުން އޮންނަ ހައްގުތައް (ލީސް) އެހެން ފަރާތަކަށް ބަދަލުކުރާ ނަމަ އެއް ލައްކަ ޑޮލަރު ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިސްޓް ރިޒޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ގުޅޭ ގަވާއިދު ކުރިން އޮންނަ ގޮތުން ޓޫރިޒަމްގެ ބޭނުުމަށް ދޫކޮށްފައިވާ ތަނަކާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރާ ނަމަ ދައުލަތަށް ދައްކަން ޖެހޭނީ 5،000 ޑޮލަރުގެ ފީ އެކެވެ.

އެކަމަކު އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއް ތަރައްގީކޮށް ނިމުމުގެ ކުރިން، އެތަނަކާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރެވޭނީ ނުވަތަ ވިއްކާލެވޭނީ އެތަނެއް ކުއްޔަށް ހިފި ފަރާތަކުން ދައުލަތަށް އެއް ލައްކަ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް ފަހު އެވެ.

މީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ނަގާފައިވާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމަށް ވެސް އެއް ލައްކަ ޑޮލަރުގެ ފީއެއް ނަގާ ގޮތަށް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

އެގޮތުން އެތަނެއް ކުއްޔަށް ހިފާފައިވާ ފަރާތަކީ އަމިއްލަ ކުންފުންޏެއް ނަމަ ނުވަތަ ޕާޓްނާޝިޕެއް ނަމަ، ކުއްޔަށް ހިފާފައިވާ ތަން ތަރައްގީކޮށް ނިމުމުގެ ކުރިން ހިއްސާ ބަދަލުކުރަން އެއް ލައްކަ ޑޮލަރު އެއްފަހަރާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. ނަމަވެސް އެގޮތަށް ހިއްސާ ބަދަލުކުރަނީ އެ ކުންފުންޏެއްގެ ހިއްސާދާރުންގެ މެދުގައި ކަމަށްވާ ނަމަ އެ ފީ ދައްކަން ނުޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ފަޅެއްގައި ވަކިވަކި ރަށްތަކެއް ހިމެނޭ ނަމަ އެއިން ކޮންމެ ރަށެއް ވަކިވަކިން ސަބް ލީސް އުސޫލުން ތިން ވަނަ ފަރާތަކަށް ކުއްޔަށް ދެވޭ ގޮތަށް ވެސް އިސްލާހުގެ ދަށުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެގޮތަށް އެކަން ކުރެވޭނީ ސަރުކާރުން އެތަން ކުއްޔަށް ދޫކުރަން ހެދި އެއްބަސްވުން (ހެޑް ލީސް އެއްބަސްވުން) ގައި އެގޮތަށް އޮވެއްޖެ ނަމަ ކަމަށް އިސްލާހުގައިވެ އެވެ.