ރެކޯޑްތައް ހެދުނަސް ގާޑިއޯލާ ހިތެއް ނުފުރޭ
ރެކޯޑްތައް ހެދުނަސް ގާޑިއޯލާ ހިތެއް ނުފުރޭ

ނޭޕްލްސް، އިޓަލީ (ނޮވެމްބަރު 1) - މި ސީޒަނުގައި މިހާތަނަށް މެންޗެސްޓާ ސިޓީ އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ ކްލަބުގެ ދެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެހެން ނަމަވެސް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއީ އޭނާ ވިސްނާ ކަމެއް ނޫން ކަމަށެވެ.

ސިޓީ ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 13 މެޗުން މޮޅުވެފަ އެވެ. އަދި އެންމެ ފަހުން އެ ޓީމު ކުޅުނު 21 މެޗުން ބަލިވެފައެއް ނުވެ އެވެ. މިއީ ސިޓީގެ ދެ ރެކޯޑެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިން އެ ރެކޯޑްތަކާ ގުޅޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ ފުޓްބޯޅައިގައި ރެކޯޑަށް ވުރެން ބޮޑަށް މުހިއްމީ ކާމިޔާބީ ހޯދުން ކަމަށެވެ.

"ރެކޯޑްތަކަކީ ވަކި ވަގުތުތަކަށް މުހިއްމު އެއްޗެއް. ފުޓްބޯޅައިގައި މީހުން ބަލާ އެއްޗަކީ ކާމިޔާބީ. އަހަރެން ބޭނުންވަނީ ސިޓީ އަށް ކާމިޔާބީ ހޯދައިދޭން. ފުޓްބޯޅައިގައި އަހަރެން ދެކޭ ގޮތުގައި ރެކޯޑް ތަކަކީ ވަގުތީ އުފަލެއް،" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕްގެ އެފްގެ އެއް ވަނައިގައި ސިޓީ އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެގެން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ފެޔަނޫޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ސިޓީ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކުރެވޭނެ އެވެ. ގާޑިއޯލާ ބުނީ މި ވަގުތު ނަޕޯލީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

"އަހަރެމެން ދެ ވަނަަ ބުރަށް ކޮލިފައިވާން މޮޅެއް ބޭނުންވަނީ. އިދިކޮޅަށް މި ނުކުންނަނީ އިޓާލިއަން ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ޓީމު. އަމިއްލަ ދަނޑުގައި ނަޕޯލީ ކުޅޭ ކުޅުމަށް ބަލާއިރު މިއީ އެއްވެސް ގޮތަކަށް ފަސޭހަވާނެ މެޗެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

ނަޕޯލީގެ ކޯޗު މައުރީސިއޯ ސާރީ ބުނީ ސިޓީ އަކީ މި ވަގުތު ޔޫރަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކާ ޓީމު ކަމަށާއި އެ ޓީމުގެ ކޯޗު ގާޑިއޯލާ އަކީ ޔޫރަޕްގެ އެއް ވަނަ ކޯޗު ކަމަށެވެ. އަދި ސިޓީ އަތުން ނަޕޯލީ އަށް މޮޅުވެވޭނީ ވަރަށް ވިސްނުންތެރި ކަމާ އެކު ކުޅެގެން ކަމަށް ބުންޏެވެ.

ސިޓީ އާއި ނަޕޯލީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.