ނިއު ޔޯކުގެ ޓްރަކް ހަމަލާގައި އަށް މީހުން މަރު
ނިއު ޔޯކުގެ ޓްރަކް ހަމަލާގައި އަށް މީހުން މަރު

ނިއު ޔޯކް (ނޮވެމްބަރު 1) - ނިއު ޔޯކުގެ ލޯވާ މެންހަޓަންގެ ބައިސްކަލް ދުއްވާ މަގަކަށް ޓްރަކެއް ވައްދާލުމަށް ފަހު ދިން ހަމަލާގައި އަށް މީހުން މަރުވެއްޖެ އެވެ.

ނިއު ޔޯކުގެ ޓްރަކް ހަމަލާގައި އަށް މީހުން މަރު
ނިއު ޔޯކުގެ ޓްރަކް ހަމަލާގައި އަށް މީހުން މަރު

ޓްރަކް ދުއްވި އުމުރުން 29 އަހަރުގެ ޑްރައިވަރު ވެހިކަލުން ފޭބިތަކުން ފުލުހުން ވަނީ އޭނާ ގަޔަށް ބަޑިޖައިފަ އެވެ. އެ ސަރަހައްދުގައި ހުރި ފުލުސް މީހާ ދިން ހަމަލާ އެއީ ޑްރައިވަރުގެ ބަނޑަށެވެ. ޑްރައިވަރު ވެހިކަލުން ފޭބީ ދެ ބަޑި ހިފައިގެންނެވެ. އަދި ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ. އޮފިޝަލުން ފަހުން ބުނެފައި ވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މީޑިއާތަކުން ބުނެފައި ވަނީ ޓްރަކް ޑްރައިވަރުގެ ނަމަކީ ސައިފުﷲ ސައިޕޯ އެވެ. އެއީ 2010 ވަނަ އަހަރު އުޒްބެކިސްތާނުން އެމެރިކާ އަށް ހިޖުރަކުރި މީހެކެވެ. އޭނާ ދިރިއުޅެނީ ފްލޮރިޑާގަ އެވެ. އޭނާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޓްރަކް ތެރޭން އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ލިޔުމެއް ފެނިފައިވާ ކަމަށް ސީބީއެސް ނިއުސް އިން ބުނެފައިވެ އެވެ.

ނިއު ޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވީ އެއީ ކުށެއް ނެތް ބަޔަކަށް އަމާޒުކުރި ވަރަށް ފިނޑި ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

"އެއީ އެމެރިކާ މީހުންގެ ރޫހު ނެތިކޮށްލަން ދިން ހަމަލާއެއް. ނިއު ޔޯކުގެ ރައްޔިތުންގެ ހިތްވަރު ވަރަށް ގަދަވާނެ،" ޑި ބްލާސިއޯ ވިދާޅުވި އެވެ.

ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ ކޮމިޝަނާ ޖޭމްސް އޯނެއިލް ވިދާޅުވީ ޒަޚަމްވި ބައެއް މީހުން ތިބީ ސީރިއަސް ހާލަތުގައި ކަމަށާއި އެކަމަކު ފުރާނައަށް ނުރައްކާވަރުގެ މީހަކު ނެތް ކަމަށެވެ.

ކޮމިޝަނާ ވިދާޅުވީ ޓްރަކުން ޖެއްސުމުން މަރުވި އަދި ޒަޚަމްވި މީހުންނަކީ އޮފީސް ނިންމައިފަ އާއި ސްކޫލް ނިންމާފައި ބައިސްކަލުގައި ގެއަށް ދިޔަ މީހުން ކަމަށެވެ.