އެޕަލް، ކުއަލްކޮމްއާ ނުލައި
އެޕަލް، ކުއަލްކޮމްއާ ނުލައި

އެޕަލް އުޅެނީ ކުއަލްކޮމް ދެކެ ރުޅިއަރައިގަނެގެންނެވެ. ފައިސާގެ މައްސަލައެއްގައި ދެ ކުންފުނި އަރާރުންވަމުން ގޮސް، މިހާރު އުޅެނީ ކޯޓުގަ އެވެ. އެ މީހުންނަށް ދެން އޮތީ އެ ބައެއްގެ ކުރިމަގު އަމިއްލަ އަށް ޑިޒައިންކުރުމެވެ.

ކުއަލްކޮމް އަށް އެޕަލް ކަމުކިޔަން ޖެހެނީ އައިފޯނަށް ބޭނުންވާ މޯޑެމް އުފެއްދުމަށެވެ. އިންޓެލް މޯޑެމް ވެސް އެޕަލް ބޭނުންކުރެ އެވެ. އެކަމަކު އިންޓެލް މޯޑެމްތަކުގައި، ކުއަލްކޮމް މޯޑެމްތަކުގައި ހުންނަ ފެންވަރެއް ނުހުރެ އެވެ. ކުއަލްކޮމް މޯޑެމްތައް މާ ބޮޑަށް ވެސް ދުވެލި ބާރީ އެވެ. އެޕަލް ބުނީ އެކަމަކު ވެސް ވަރިހަމަ ކަމަށެވެ. ކުއަލްކޮމް މޯޑެމްތައް ދެން ބޭނުން ނުކުރާނެ ކަމަށެވެ.

އައިފޯނަށް ބޭނުންވާ ގްރެފިކް ޗިޕްތައް އެޕަލް އަމިއްލައަށް ޑިޒައިންކޮށް އުފެއްދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އައިފޯނުތަކަށް ބޭނުންވާ އޯލެޑް ޑިސްޕްލޭތައް ވެސް، ލަސްތަކެއް ނުވެ އަމިއްލަ އަށް އުފައްދަން ފަށާނެ އެވެ. މަސްރަހުގައި އެ ވާހަކަތައް ގަދަ އަށް އެބަ ދެކެވެ އެވެ. އައިފޯނަށް ބޭނުންވާ މޯޑެމްތައް އުފެއްދުމަށްޓަކައި އެޕަލްއިން ދެން ބަރޯސާވާނީ އިންޓެލް އަދި މީޑިއާ ޓެކް އަށެވެ.

އެޕަލް އަމިއްލަ ފައިމައްޗަށް ތެދުވަން ކުރާ މަސައްކަތުގައި، އެއްފައި އަނެއް ފައިގައި އަޅައިގަނެ ވެއްޓުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އުނބަށް ޖަހަން ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ. އެޕަލްގެ ހަޔާތުން މި ކަހަލަ ކަންތައްތައް ފެންނަން ވެސް އެބަހުއްޓެވެ.

އެޕަލް އަކީ އިންޓެލް އަށް ވަރަށް މަލާމާތްކުރި ކުންފުންޏެކެވެ. އެޕަލްގެ މެކް ކޮމްޕިއުޓަރުތަކުގައި ކުރިން ބޭނުންކުރި "ޕަވާޕީސީ" މައިކްރޮޕްރޮސެސާ އަށް ވުރެ އިންޓެލް ޗިޕްތައް ބަރުހެލި ކަމަށް ބުނެ، އިންޓެލް ޗިޕްތަކަށް މިސާލު ޖަހާފައި ވަނީ ފިނިހަކަ ދުވެއްޔަށެވެ. އެކަމަކު ދުވަސްތަކެއް ފަހުން، 2006 ގައި އިންޓެލް ޗިޕްތައް ބޭނުންކުރަން އެޕަލް ވަނީ ފަށާފަ އެވެ.

ކުއަލްކޮމްގެ މޯޑެމްތަކަކީ އެހެން އެއްވެސް ބަޔަކާ އަޅާ ނުކިޔޭ ވަރުގެ ބާރުގަދަ މޯޑެމްތަކެކެވެ. ދުވެލި ބާރުވެފައި، ބޭނުންވާ ހަކަތަ މަދު ހާޑްވެއާއެކެވެ. އެހައި ފުރިހަމަ މޯޑެމްތަކެއް އައިފޯނުގައި ބޭނުންކުރަމުން ގޮސް، ކުއްލިއަކަށް ހުއްޓާލުމުން، ފޯނުތައް ބޭނުންކުރާ މީހުންނަށް ތަފާތު ތަޖުރިބާއެއް ކުރަންޖެހުމަކި އޮތް ފުރުަސަތެކެވެ.

ސްމާޓްފޯނުތައް އަދި މޮބައިލް އޮޕަރޭޓަރުން 5ޖީ އަށް ތައްޔާރުވާން ފަށާފައި ވާއިރު، ކުއަލްމޮމް އޮތީ އެންމެންނަށް ވުރެ ކުރީގަ އެވެ. އެ ކުންފުނިން ވަނީ 5ޖީ މޯޑެމްތައް ގަނޑުކޮށް އުފެއްދުމަށްޓަކައި މަގުޗާޓު ކުރަހާފަ އެވެ. މޮބައިލް 5ޖީ އަށް ބޭނުންވާނެ ހާޑްވެއާ ބައިތައް ޑިޒައިންކުރަން ވަނީ ފަށާފަ އެވެ. އަދި ސޮފްޓްވެއާ މޮޑިއުލްތައް ޓެސްޓްކުރުމަށް، މޮބައިލް ފޯނު އުފައްދާ ކުންފުނިތަކަށް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އެޕަލް ވެސް ހިމެނެ އެވެ. އެކަމަކު ދެ ކުރާނެ ކަމެއް ނެތެވެ. ދެ ކުންފުނީގެ ގުޅުމުގައި އެޅިފައި ހުރި ރެނދު ތަންކޮޅެއް ބޮޑަށް ވަނީ ފޭވެފަ އެވެ.