01 ނޮވެމްބަރ 2017 - 06:43

އާދިއްތަ ދުވަހާ ގުޅޭ
"މޫނުބުރުގާ އަޅައިގެން، ފިރިމީހާ ބުނި ގޮތެއް ހެދިގެން ގޭތެރޭގަ ބަސްއަހައިގެން ތިބޭ އަންހެނުން،" އަޔާޒު ތަފުސީލު ކޮށްދިނެވެ. "ފިރިމީހާ ބައިރުފިޔާއެއް ގެނަޔަސް އެއިން ދެކޮޅުޖައްސައިގެން ތިބެވޭ އަނބިން. ކަލެއަކަށް އެހެނެއް ނޫޅެވޭނެ. ދުވާލަކަށް ހެދުމެއްލައިގެން، މީރުވަސްދުވާ ސެންޓުޖަހައިގެން އުޅޭނީ ދެއްކުންތެރި މީހުން. ޤިޔާމަތް ދުވަހުން ވެސް އެ މީހުންގެ އަގެއް ނުހުންނާނެ."
އަޔާޒުގެ ބޭނުމަކީ އަހަރެން ބިރުގެންނެވުންކަމަށް ވާ ނަމަ، އެ ކަމުގައި އޭނަ ކާމިޔާބު ހޯދިއެވެ. އަހަންނަކީ، ދީނީގޮތުން މާ ހޭލުންތެރި މީހެއް ނޫނެވެ. އެކަމަކު ޤިޔާމަތް ދުވަހުގެ އަޒާބަށް އަހަރެން ބިރުގަނެއެވެ. މޭކަޕުކުރުން ހުއްޓައިލީމެވެ. މީހުންގެ ތެރެއަށް ނުކުމެއުޅުން މަދުކުރީމެވެ. އޮފީހުން ކެނޑެން ވެސް އަހަރެން ވިސްނަން ފެށީމެވެ. އަޔާޒު އެ ބުނާ ގޮތަކަށް އުޅުމަށް ޓަކައެވެ. އަހަންނަށް ބިރުވެރި ހުވަފެން ފެންނަން ފެށިއެވެ. ކަނު އަނދިރި ރެޔެއްގައި، މަގެއްމަތިން އަހަރެން އެކަނި ހިނގައިފައި ދާތަން ފެނިދާނެއެވެ. އަލިފާންގަނޑަކަށް އަހަރެން ވެއްޓެންއުޅޭ ތަން ވެސް ފެނެއެވެ. ބައެއް ރޭރޭ އެނދުން އަހަންނަކަށް ޖާގައެއް ނުލިބެއެވެ. އަހަރެން ނިދަންޖެހެނީ ތަޅުންގަނޑުގައެވެ. އަނެއްކޮޅުން ނިދޭއިރަށް ސިއްސައިގެން ގޮސްފައި ހޭލެވެއެވެ. އަބަދުވެސް އަހަންނަށް ހީވަނީ ފިރިމީހާއަށް ގޯސްކޮށް ކަންތައްތަކެއް ކުރެވޭހެންނެވެ. އެންމެފަހުން އަހަރެން ފަތިސްނަމާދު ކުރަން ފެށީމެވެ. އޭގެ ސަބަބުން ހިތަށް ފިނިކަން ލިބެން ފެށިއެވެ. ހިތްވަރު ގަދަވެ، ބިރުވެރި ހުވަފެންތަކަށް ނިމުމެއް އައެވެ. އެހެންނަމަވެސް، އަހަރެން ނަމާދުކޮށްގެން އަލުން ނިދާއިރު ވެސް އަޔާޒު އޮންނަނީ ނިދައިފައެވެ. ގޮވައިފިއްޔާ ރުޅިއާދެއެވެ. ނުގޮވިޔަސް އެހާ ރުޅިއާދެއެވެ.
ކާން ގެއަށް އައުން އަޔާޒު ހުއްޓައިލިއެވެ. އެ ގޮތް އޭނައަކަށް ފަސޭހައެއް ނުވާނެއެވެ. ހޮޓާހޮޓަލުން ކެއުމުން އަޔާޒަށް ވައިގެ އުނދަގޫ ކުރިމަތިވެއެވެ. މެއިން ދިލަނެގުމާއި، ބަނޑުހިކޭ ގޮތް ވެއެވެ. އެ އުނދަގޫތަކާ އެކުގައި ވެސް އަޔާޒު ގެއިން ކެއުން ހުއްޓައިލީ މައިންބަފައިންގެ ކުރިމަތީގައި އަހަރެންގެ އަގުވައްޓައިލުމަށް ޓަކައެވެ. އަޔާޒު ނާންނަނީ ކީއްވެތޯ އެހުމުން ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. އޮފީހުގައި އަހަރެންގެ ރެކޯޑު ހަޑިކުރަން ވެސް އަޔާޒު ނުކުރާ ކަމެއް ނެތެވެ. އަހަންނަށް ވުރެ ކުރިން ހޭލައިގެން ގޮސް ފާޚާނާއަށް ވަދެއެވެ. އޭނަ ނުކުންނާނީ ގަޑިޖެހެން ދިހަ މިނެޓަށް ވީމައެވެ. އެއީ، ގަޑި ނުޖެހި އޭނައަށް އޮފީހަށް ދެވޭހާ ވަގުތެވެ. އަހަރެން ޖަލްސާއަކަށް ދާން އޮވެއްޖެއްޔާ، ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގޭގައި އަހަރެން ހިފަހައްޓައެވެ. ދޭތެރެއަކުން އަހަރެންގެ ފޯނު ފޮރުވައެވެ. އެކަމަކު، އެ އިން އެއްވެސް ކަމަކީ އަޔާޒު ގަސްތުގައި ކުރާ ކަމެއް ކަމަކަށް އެއްބަހެއް ނުވެއެވެ.
އަހަރެންގެ ބަނޑު ބޮޑުވަމުންއައި ވަރަކަށް އަޔާޒުގެ އަޅައިނުލުން ވެސް ދިޔައީ ބޮޑުވަމުންނެވެ. ހޮޑުލިޔަސް އެހީތެރިވާކަށް ނާދެއެވެ. އަޔާޒުގެ އެހީތެރިކަން އަހަންނަށް ލިބޭނެ އޮތީ އެންމެ ގޮތެކެވެ. އަހަރެން އޮފީހުން ކެނޑުމެވެ. ފައިސާގެ ހުރިހާ ބާރެއް އަޔާޒަށް ދޫކޮށްލުމެވެ. އެއީ އަހަރެން ކުރަން ހެޔޮވާ ވަރުގެ ކަމެއް ހެއްޔެވެ؟ އެ ކަމާ އަހަރެން ވިސްނަމުންދިޔަ ދުވަސްވަރެވެ. ކުއްލިއަކަށް މަންމަ އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ވީގޮތެއް ނޭނގުނެވެ. ޑޮކްޓަރަކަށް ވަކި ޚާއްޞަ މައްސަލައެއް ފާހަގައެއް ނުކުރެވުނެވެ. ހޭއެރިތާ މާ ގިނައިރެއް ނުވަނީސް ހޮސްޕިޓަލުން ދޫކޮށްލިއެވެ. އެ ގޮތް ނޭނގޭ އަނބުރައިގަތުމަށް ފަހު، މަންމަގެ މޫނުމަތިން އާދަޔާ ޚިލާފު ހަމަހިމޭންކަމެއް އަހަންނަށް ފާހަގަކުރެވެން ފެށިއެވެ. އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. މަންމަ ގާތުގައި އަޔާޒު ކޮންމެވެސް "މޮޅު" ވާހަކައެއް ދެއްކީ ބާއެވެ؟ އޭރު، ބަނޑުބޮޑުވުމުން ނަފުސާނީގޮތުން ކުރިމަތިވާ ނުތަނަވަސްކަން ހުރީ އޭގެ އެންމެ މަތީ ހަރުފަތުގައެވެ. އެހެން ހުއްޓައި، ނުދަންނަ ނަންބަރަކުން އަހަންނަށް ކޯލެއް އައެވެ. އެ ދުވަހަކީ، އޮފީހަށް ނުކުމެވޭ ވަރު ނުވެގެން އަހަރެން ގޭގައި ހުރި ދުވަހެކެވެ.
"ހަލޯ!" އަހަރެން ބުނީމެވެ.
"ދެން ބަދޫ ވެއްޖެއްނު އަޔާ ދޫކޮށްލަން،" ވާހަކަދެއްކީ ލީލާއެވެ. "ގަދަކަމުން މީހެއްގެ ކޮނޑުގަ އެލިގަނެގެން އުޅުމަކީ، ކިޔަވައިގެން ތިބި ތި ކަހަލަ މޮޅެތި މީހުން އުޅެންވާނެ ގޮތެއް ނޫނެއްނު."
އަޔާޒު މަޑުމަޑުން ހީނގަތް އަޑު އަހަންނަށް އިވުނެވެ. ހިލޭ އަންހެނެއް ލައްވާ އަނބިމީހާއަށް ގުޅުވައިގެން އެ ކަހަލަ ވާހަކަދައްކަން އަޔާޒަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ދީނީ ނަޞޭޙަތް ލައިދޭ ފިރިމީހާގެ ހުންނަންޖެހޭ ފެންވަރަކީ އެއީ ހެއްޔެވެ؟
"ތީ ދެން ކިހާ ގޮތްކުޑަ ކަމެއް ލީލާ!" އަހަރެން ބުނީމެވެ.
ލީލާ ފެއްޓީ ބޮޑު ފޮތުގެ ނުފުށުންނެވެ. ދުވަހަކު ވެސް މީހަކު އަހަންނާ ވާހަކަ ނުދައްކާހާ ހުތުރުބަހުން ގަތައިލެވިފައިވާ ހާރެއް އަހަރެންގެ ކަރުގައި ލީލާ އެޅުވިއެވެ. އަހަރެންނަށް މަޖުބޫރުވީ ފޯނު ކަނޑައިލާށެވެ. އޭރު އަހަންނަށް ރޮވިއްޖެއެވެ. އަޔާޒު ފަދަ މީހެއް ދެކެ އަހަންނަށް ލޯބިވެވުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ލޮލަށް އެ ވަރުގެ ބޮޑު ކެއްސެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ ރޮއިގަނެވުނުލެއް ބާރުކަމުން އަނގަމަތީގައި ބާލީސްއެޅީމެވެ. ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހަން ފެށިއެވެ. އެ ދަނޑިވަޅުގައި އެކަކު ވެސް ކޮޓަރިއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު، ނަސީބު އަހަރެންގެ އަތަކު ނުހިފިއެވެ. މަންމަ ދޮރު ހުޅުވައިލިއެވެ. ދެން ވެސް އަހަންނަކަށް ހުއްޓައެއް ނުލެވުނެވެ. މަންމަ ނިކަން ބާރަށް އައިސް އެނދުގައި އިށީނެވެ.
"ކިހިނެއްވީ ދަރިފުޅާ؟" އަހަރެންގެ ބުރިކަށީގައި ފިރުމައިލައިފައި މަންމަ ސުވާލުކުރިއެވެ. "ބަނޑަށް ތަދުވަނީތަ؟"
އަހަރެން ބޯޖަހައިލީމެވެ. މަންމައަށް އޮޅުވައިލުމަށް ޓަކައެވެ. ހަމަ އެ ވަގުތު އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. ހިތަށްއެރިއެވެ. ސިއްރު ކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ސިއްރުކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަހަންނަށް އިޙުތިރާމު ނުކުރާ ފިރިޔަކަށް އަހަރެން ވެސް އިޙުތިރާމު ކުރާކަށް ނުޖެހެއެވެ. ކުރާ ނުބައި ކަންތައްތަކުގެ ފިޔަވަޅު ފުހެދޭކަށް ވެސް ނުޖެހެއެވެ. ހުރިހައި ވާހަކައެއް ކިޔައިދޭން ފެށީމެވެ. އަޔާޒުގެ މޫނުމަތި ނަގައިފައި އޭނަގެ އަސްލު ސިފަ މަންމައަށް ދައްކައިލީމެވެ. ހީކުރީމެވެ. އަޔާޒަށް ޓަކައި މަންމަގެ ހިތުގައި އޮތް ލޯބި، ހިރަފުސްކޮޅެއް ފަދައިން ވަޔަށް ބުރައިގެންދާނެއެވެ. އަހަރެންގެ ހިމާޔަތުގައި، ފަރުބަދައެއް ފަދައިން މަންމަ ތެދުވާނެއެވެ. އެހެންނަމަވެސް އަހަންނަށް ލިބުނީ ސިހުމެކެވެ.
"އަޅާނުލާ ދަރިފުޅާ!" ހިތާމަވެރި އަޑަކުން މަންމަ ބުނެލިއެވެ. "އެއީ ފިރިހެނުންގެ ވައްތަރެއްނު. ދެނަހުރިކަމަށް ވެސް ނަހަދާ!"
އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް ގަނޑުވި ކަހަލައެވެ. ނޭވާ ހުއްޓުނު ކަހަލައެވެ. މަންމަޔާ ދިމާއަށް އަހަންނަށް ބަލައިލެވުނީ ބީރައްޓެއްސަކަށް ބަލާހެންނެވެ. ކަންފަތަށް އިވުނު އެއްޗެހި އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. މަންމަ އިސް އުފުލައިލިއެވެ. ފެންކަޅިވެފައިވާ ދެ ލޮލުން އަހަންނަށް ބަލައިލިއެވެ.
"ބައްޕަ ވެސް އުޅެނީ އެހެން މީހަކާ ރައްޓެހިވެގެން،" ކުރެހިފައިވާ އަޑަކުން މަންމަ ބުންޏެވެ. "ނޭނގެ މަންމަ ވަރި ނުކުރާނެކަމެއް ވެސް. އެކަމަކު މަންމަ ވެސް މި އުޅެނީނު."
އަންނަންވީ ރުޅިކަމެއް ނުވަތަ ވާންވީ ދެރަކަމެއް އަހަންނަކަށް ނޭނގުނެވެ. މަންމަ އަނބުރައިގަތުމާއި، މަންމަގެ މޫނުމަތިން ފެންނަ އުދާސްކަމަކީ އެއީތާއޭ ހިތަށްއެރިއެވެ.
"އަހަރެން މީ މަންމައެއް ނޫން!" ލޮލުން ކަރުނަ ފުހެލަމުން އަހަރެން ބުނީމެވެ.
އަހަރެންނަށް ލިބުނީ ޒާތެއްގެ ހިތްވަރެކެވެ. ވަޒީފާއިން ވަކިވުމުގެ ޚިޔާލު ދޫކޮށްލީމެވެ. ވިހަން ކައިރިވީއިރު ވެސް އަޔާޒު ދެކެން ބޭނުންވި މަންޒަރެއް އޭނަޔަކަށް ނުފެނުނެވެ. އަހަރެން އޮފީހަކުން ނުކެނޑެމެވެ. ދެން އަޔާޒު ފެށީ އަހަންނަށް ޖެއްސުންކުރާށެވެ. އަޔާޒަށް ވުރެ މައްޗަށް ކިޔަވައިގެން، މަތީ ވަޒީފާއެއް ހޯދީތީ އަހަންނަށް އަދަބުދޭށެވެ. ގެއަށް އަންނަނީ އަންނާނެ އިރަކުއެވެ. އުޅެނީ އުޅޭނެ ގޮތަކަށެވެ. އަހަންނަށް އިއްވުމުގެ ބޭނުމުގައި ފޯނުން ލީލާއާ ވާހަކަދައްކައެވެ. ޑޮކްޓަރަށް ދައްކަން އަހަރެން ދާންޖެހެނީ މަންމަޔާ އެކުގައެވެ. ދަރިފުޅަށް ބޭނުންވާ އެއްވެސް އެއްޗެއް، އެ ފަހަރު ވެސް އަޔާޒެއް ނުގަތެވެ. އަމިއްލަ ހިތާ އަހަރެން ސުވާލުކުރީމެވެ. އެ ގޮތަށް އަހަރެން އުޅެންވީ ކިހާ ދުވަހަކު ހެއްޔެވެ؟ ރުޅިއަންނަންވީ އަހަންނެވެ. ފޫހިވާންވީ ވެސް އަހަންނެވެ. އެކަމަކު، އެ ދެ ކަންތައް ވެސް އިތުރުވީ އަޔާޒުގެއެވެ. އަޔާޒަށް ސައިކަލު ގަނެދިނީ އަހަރެންގެ ބައްޕައެވެ. އެހެންވިޔަސް، އެ ސައިކަލު ފަހަތަށް އަހަރެން އެރުވުން ހުއްޓައިލިއެވެ. އެ ޖާގަ ލީލާއަށް ޚާއްޞަ ވިއެވެ. ބުނާ ކަހަލައެވެ. އަހަރެންގެ އެއް ދަރަޖަ އަނެއްކާ ވެސް ދަށްވީއެވެ.
ދެވަނަ ދަރިފުޅު ވިހެއިއިރު އަހަރެން ދިރިއުޅުނީކީ ނޫނެވެ. މަރުނުވާތީ ދިރިހުރީއެވެ. ހަޔާތުގެ އެއްވެސް އުފަލެއް، ދިރިއުޅުމުގެ އެއްވެސް މަޤްޞަދެއް ނެތެވެ. ހުރިހައި އެއްޗެއް ހުރެމެ އަހަރެންގެ އެކައްޗެއް ވެސް ނެތެވެ. އަހަރެން ކައިވެނިކުރީ އެންމެ ލޯބިވި މީހާއާއެވެ. ދެ ދަރިން ލިބިއްޖެއެވެ. އަހަންނަކީ މަތީ ވަޒީފާއެއްގައި އުޅޭ ކާމިޔާބު އަންހެނެކެވެ. ކުރަންޖެހޭ ބޮޑު ފިކުރުތަކެއް އަހަރެންގެ ހުރެގެން ނުވާނެއެވެ. އެކަމަކު، ފިކުރު ފިޔަވައި އެހެން އެއްޗެއް ނެތެވެ. އޮފީހުގައި އަހަރެންނެކޭ ޖޯކަރެކޭ އެއްފަދައެވެ. ފަސްދިނުމުން އިވެނީ ކުދިކިޔާ އަޑާއި ބަނޑަށް ހޭ އަޑެވެ.
އެއްދުވަހަކު އަހަރެން އޮފީހަށް އައިއިރު، ކޮންމެވެސް ލާނެތް މީހަކު އަހަރެންގެ މޭޒުމަތީގައި ކަރުދާސްގަނޑެއް ބާއްވައިފައި އޮތެވެ. ރައްޓެއްސަކު ކުރި ސަމާސާއަކަށް ވެސް ވެދާނެއެވެ. އެ ކަރުދާސްގަނޑުގައި ކުރަހައިފައި އޮތީ ކާޓޫނެވެ. އަންހެނަކު ހުންނަނީ ކުޑައެއް ހިފައިގެންނެވެ. ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. އަންހެންމީހާ ހުރީ ތެމިފޯވެފައެވެ. ކުޑަ ދަށުގައި އިނީ ފިރިހެނެކެވެ. އެ ފިރިހެން މީހާގެ އުނގުގައި އަންހެންކުއްޖަކު އިނެވެ. އޭގެ މާނަ އެނގުމަށްޓަކައި ރޮކެޓު ސައިންސް ދަސްކުރާކަށް ނުޖެހެއެވެ. ކުޑަ ހިފައިގެން ހުރީ އަހަންނެވެ. ކުޑަ ދަށުގައި އިނީ އަޔާޒެވެ. އޭނަގެ އުނގުގައި ލީލާއެވެ. ކަރުދާސްގަނޑު ވީދައިފައި ކުނިވަށިގަނޑަށް އަޅައިލެވުނީހެވެ. އެއީ ނުވާ ކަމަކަށް ހެދުނީހެވެ. އޭގެ ބަދަލުގައި އަހަރެން ކަރުދާސްގަނޑު ގެއަށް ގެނައީމެވެ. ރޭގަނޑު އަޔާޒު ކޮޓަރިއަށް ވަންނައިރު ފެންނާނެ ގޮތަށް، އެނދުމަތީގައި ބޭއްވީމެވެ. އަޔާޒުގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އެ ކަރުދާސްގަނޑެވެ. އޭނަ އުޅުނީ އޭނައަށް ވުރެ ރުޅި ގަދަ މީހަކު ނުހުންނާނެކަން ދައްކައިލާށެވެ. އަހަރެން ކަރުދާސްގަނޑު ޖަހައިގެންފައި ވީދައިލީމެވެ.
"އެ ކަން ނުހުންޓާނެކަމަށް ވަންޏާ ހަމަ މިހާރު މި ގެއިން ނުކުމޭ!" އަހަރެން އަމުރުކުރީމެވެ.
ނުނިމޭ