31 އޮކްޓޯބަރ 2017 - 21:03

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިނިވަން ނުވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ، އެ އިންތިހާބަކީ ހާމަކަން ބޮޑު ދެ ފުށް ފެންނަ އިންތިހާބަކަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިހާބު ބާއްވަން މިނިވަން މާހައުލެއް ގާއިމް ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިމެންޓްރީ ގްރޫޕުން ވެސް ގޮވާލާފައި ވަނިކޮށް އީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާ އެކު ކުރާ މަސައްކަތެއް ކަމަށެވެ.
"ނަމަވެސް މި ހަފުތާ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެ އަށް ޒިޔާރަތް ކުރި ވަގުތާ ދިމާކޮށް ސިޔާސީ އެކި އެކި ފަރާތްތަކުން އިންތިހާބުގެ ކަންކަމުގައި މި ކޮމިޝަނުން ކުރައްވަމުން ގެންދާ މަސައްކަތުގެ އަސްލު އޮޅުވާލައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތަސައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައި ހަގީގަތާ ހިލާފު ތަފާތު ވާހަކަތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދައްކަމުން ގެންދާކަން ފާހަގަ ކުރެވެ އެވެ،" އީސީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ވެސް މިނިވަން އިންސާފުވެރި އިންތިހާބެއްކަން ފާހަގަކޮށްފަ އެވެ. އަދި އެ އިންތިހާބު ސިޔާސީ ޕާޓީތަކުންނާއި ބޭރުގެ އޮބްޒާވަރުން ވެސް ބަލައިގެންފައިވާ ކަމަށް ބުންޏެވެ.
"ހަމަ އެގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ވެސް ބައިނަލް އަގުވާމީ ފަރާތްތަކުންނާއި ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ފަހިވެގެން ކުރިއަށް ގެންދެވޭނެ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް މި ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ކުރުންމަތީ ދެމިތިބޭނެ ކަމަށާއި މި ކޮމިޝަންގެ މަސައްކަތާ ގުޅޭ ގޮތުން ހަގީގަތް އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައިވެ އެވެ.