އިޖްރާއާތު ގޯސްވުމުން ޑްރަގްގެ ދެ ދައުވާއެއް ބާތިލްކޮޮށްފި
އިޖްރާއާތު ގޯސްވުމުން ޑްރަގްގެ ދެ ދައުވާއެއް ބާތިލްކޮޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖްރާއާތު ގޯސްވުމުން، އެ މީހާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.

މީހެއްގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ ދެ ދައުވާ މިމަހުގެ 25 ވަނަ ދުވަހު ކޯޓުން ބާތިލްކުރީ އޭނާ ހައްޔަރުކުރި އަމަލުކުރި އިޖްރާއާތުގައި މައްސަލަތަކެއް ހުރުމުންނެވެ.

ކޯޓުގެ ނިންމުމުގައިވަނީ އެ މީހާ ހައްޔަރުކޮށް، ތަހުގީގު ކުރުމުގައި އަމަލު ކޮށްފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. އާއި 45 ވަނަ މާއްދާގެ ހ. އާއި ށ. އާ ޚިލާފަށެވެ.

އެ ނިންމުމުގައި ހަވާލާދޭ، އެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. އަކީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރާއިރު ފުލުހުން ޔުނިފޯމް އަޅަންޖެހޭނެ ކަމަށް ބުނާ މާއްދާ އެވެ. އަދި ގާނޫނުގެ 45 ވަނަ މާއްދާގެ ހ. އަކީ މީހަކު ހައްޔަރުކޮށްފި ނަމަ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް އެ މީހާ ގެންދަން ލާޒިމްކުރާ މާއްދާ އެވެ. އަދި އެ މާއްދާގެ ށ. އަކީ ފުލުހުންގެ މަރުކަޒަށް ގެންދިއުމުން އެ މީހެއްގެ މައުލޫމާތު ރެކޯޑްކޮށް، އެ މީހެއްގެ ހައްޔަރާ މެދު ވީހާ ވެސް އަވަހަށް ގޮތެއް ނިންމަން ލާޒިމްކުރާ މާއްދާ އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން ހައްޔަރު ކުރެވުނު މީހާގެ މައުލޫމާތު ފޯމްގައި އޮތީ އެ މީހާ ހައްޔަރުކުރި ފުލުސް މީހާ ނޫން އެހެން ފުލުހެއްގެ ނަމާއި ސޮޔާއި އިނގިލީގެ ނިޝާނެވެ.

އެހެން ފުލުހެއްގެ ނަން އެ ފޯމުގައި އޮތީ ސިސްޓަމުން އޮޓަމެޓިކުން ޖެނެރޭޓްވުމުގެ ސަބަބުން ކަމަށް ދައުލަތުން ބުންޏަސް ހައްޔަރުކުރި ފުލުސް މީހާ ނޫން އެހެން ފުލުހެއްގެ ސޮޔާއި އިނގިލީގެ ނިޝާން އެ ފޯމުގައި އޮންނަން ޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އަންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރުމަކީ އެއްވެސް މަސްލަހަތެއް އެކަމުގައި އޮތް ކަމެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެގޮތަށް އަމަލު ކުރުމަކީ ކޮންމެ މީހަކާ މެދު ވެސް އަމަލު ކުރެވެނީ ގާނޫނާ އެއްގޮތަށް ކަން ކަށަވަރުވުމުގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ފޯމް އިސްލާހު ކުރަން ދައުލަތަށް ލިބުނު ފުރުސަތުގައި އެ ފޯމް އިސްލާހު ކޮށްފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެ މައްސަލާގައި ދައުލަތުން އަމަލުކުރީ ޕްރޮސެކިއުޓް ކުރުމުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ށ. އާއި ނ. އާ ޚިލާފަށް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

24 ވަނަ މާއްދާގެ ށ. އާއި ނ. އަކީ ދައުވާ ފޯމުން ކުށެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަމެއް އިސްލާހު ކުރަން ޝަރީއަތް މެދުކަނޑާލަން ދައުލަތުގެ ވަކީލު އެދެންޖެހޭ ކަމަށް ބުނާ މާއްދާ އެވެ.