ސިޔާސީ ހިމާޔަތް ހޯދާކަށް ނޫޅެން: ކެޓަލޯނިއާގެ ލީޑަރު
ސިޔާސީ ހިމާޔަތް ހޯދާކަށް ނޫޅެން: ކެޓަލޯނިއާގެ ލީޑަރު

ބްރެސަލްސް (އޮކްޓޯބަރު 31) - ބެލްޖިއަމަށް ވަޑައިގެން އުޅުއްވަނީ ސިޔާސީ ގޮތުން ހިމާޔަތް ހޯދަން ނޫން ކަމަށް ކެޓަލޯނިއާގެ ލީޑަރުކަމުގެ މަގާމުން ދުރުކުރި ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.

ބްރެސަލްސްގެ ޕްރެސް ކްލަބުގައި ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވިދާޅުވީ ޑިސެމްބަރު 21 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ކެޓަލޯނިއާގެ ވެރިކަމުން ދުރުކުރި ލީޑަރުން ވެސް ވާދަކުރާނެ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އަށް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޕުޖްޑެމޮން ވިދާޅުވީ ކެޓަލޯނިއާގެ މިނިވަންކަމުގެ ވޯޓާ ގުޅިގެން ޚިޔާލުތަފާތުވުން އުފެދުމާ އެކު ސްޕޭން ސަރުކާރާ އެކު މަޝަވަރާ ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާ އެކު މަޝްވަރާ ކުރުމަކީ ނުވާނެ ކަމެއްކަން އެނގިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

ކެޓަލޯނިއާގެ ޕާލަމެންޓާއި ސަރުކާރު ސްޕޭނުން އުވާލީ ކެޓަލޯނިއާގެ ވެރިން މިނިވަންކަން އިއުލާން ކުރުމާ ގުޅިގެންނެވެ. ކެޓަލޯނިއާގެ ބާރުތައް ސްޕޭނުގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ހޮނިހިރު ދުވަހު ގެނައީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ދަށުންނެވެ.

ޕުޖްޑެމޮން ވިދާޅުވީ އޭނާ އާއި އޭނާގެ ސަރުކާރަކީ ކެޓަލޯނިއާގެ ރައްޔިތުން ތަމްސީލް ކުރާ ގާނޫނީ މަންދޫބުން ކަމަށެވެ.

ސްޕޭނުގެ އެޓާނީ ޖެނެރަލް ވަނީ ކެޓަލޯނިއާގެ ލީޑަރުންގެ މައްޗަށް ބަޣާވާތް ކުރަން އުޅުނުކަމުގެ ދައުވާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ސްޕޭނުގެ އެޓާނީ ޖެނެރަލް އެހެން ވިދާޅުވި ފަހުން ޕުޖްޑެމޮން އާއި އޭނާގެ ސަރުކާރުގެ ފަސް މިނިސްޓަރަކު ބެލްޖިއަމަށް ވަޑައިގަތުމުން ގިނަ ބަޔަކު ހީކުރީ އެ މީހުން ސިޔާސީ ހިމާޔަތް ހޯދަން މަސައްކަތް ކުރަނީ ކަމަށެވެ. އެކަމަކު ޕުޖްޑެމޮން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.