01 ނޮވެމްބަރ 2017 - 06:41

ގިނަ މީހުންނަށް އެނގެނީ ހަކުރުބަލީގެ ދެ ބާވަތެއް ހުންނަ ކަމެވެ. އެއީ ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ނަމަވެސް މިހާރު ވަނީ އާ ބާވަތެއްގެ ހަކުރުބައްޔެއް ފާހަގަކުރެވިފަ އެވެ. މި ވައްތަރަށް ކިޔަނީ ޓައިޕް 3ސީ ޑައިބެޓީސް އެވެ.
ޓައިޕް 1 ޑައިބެޓީސް ޖެހުމުން ވާ ގޮތަކީ ޕެންކްރިއަސްގައި ހުންނަ އިންސިއުލިން އުފައްދައިދޭ ސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަލާކުކޮށްލަނީ އެވެ. އާއްމުކޮށް މި ވައްތަރުގެ ހަކުރުބަލި ފެށެނީ ކުޑައިރު ނުވަތަ ވަރަށް ޒުވާން އުމުރުގެ ކުރީކޮޅު އެވެ. އަދި މި މީހުންނަށް މުޅި އުމުރަށް އިންސިއުލިންގެ ފަރުވާ ބޭނުންވެ އެވެ.
ޓައިޕް 2 ޑައިބެޓީސް ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕެންކްރިއަސް އިން އިންސިއުލިން އުފައްދައިދިނުމަށް ނުކުޅެދުމުންނެވެ. އާއްމުކޮށް މި ވައްތަރުގެ ހަކުރުބަލި ޖެހުމާ ގުޅިފައިވަނީ މާބޮޑަށް ބަރުދަން އިތުރުވުމާއި ފަލަބައްޔެވެ. އާއްމުކޮށް މި ވައްތަރުގެ ހަކުރުބަލި ޖެހެނީ މެދު އުމުރުގެ ނުވަތަ އެއަށް ވުރެ ދުވަސްވީ މީހުންނަށެވެ. ނަމަވެސް މި ޒަމާނުގައި މި ވައްތަރުގެ ހަކުރުބަލި ޖެހޭ އުމުރު ވެސް ދަނީ ހަގު ވަމުންނެވެ.
އަލަށް ފާހަގަ ކުރެވުނު ޓައިޕް 3ސީ ޑައިބެޓީސް ޖެހެނީ ޕެންކްރިއަސްގައި އުފެދޭ އިންފްލެމޭޝަނެއްގެ ސަބަބުން (ޕެންކްރިއަޓައިޓިސް) ނުވަތަ ޕެންކްރިއަސްގައި ޓިއުމަރު އުފެދުން، ނުވަަތަ ޕެންކްރިއަސްގެ ސާޖަރީއެއް ހެދުން ފަދަ ކަމެއް ދިމާވުމުގެ ސަބަބުން އެއަށް ލިބޭ ގެއްލުންތަކާ ހެދި އެވެ. މިކަހަލަ ގެއްލުންތައް ޕެންކްރިއަސް އަށް ދިމާވުމުން، އެ ގުނަވަނުން އުފައްދާ އިންސިއުލިން އުފެއްދުމުގެ ގާބިލްކަން ކުޑަވުމުގެ އިތުރުން ކާނާ ހަޖަމުކުރުމަށް (ޑައިޖެސްޓީވް އެންޒައިމް) ބޭނުންވާ ޕްރޮޓީން އަދި ހޯމޯން އުފެދުމަށް ވެސް ބުރޫ އަރަ އެވެ.
ފަހުގެ ހޯދުންތަކަކަށް ފަހު ސައިންސްވެރިން ބުނި ގޮތުގައި މިގޮތަށް ޕެންކްރިއަސްއަށް ލިބޭ ގެއްލުމުގެ ސަބަބުން ޖެހޭ ހަކުރު ބަލިވެސް އާއްމުކޮށް ބެލެވެނީ ޓައިޕް 2 ޑައިބެޓީސް ކަމަށެވެ. އެގޮތުން މިފަހަރުގެ ހޯދުމަށް ސައިންސްވެރިން ބެލި ދެ މިލިއަނަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޓައިޕް 3ސީ ޑައިބެޓީސް ކަމަށް ރަނގަޅަށް ޑައިގްނޯސް ކުރެވިފައި ވަނީ އެންމެ ތިން ޕަސެންޓެވެ.
ސްޕެޝަލިސްޓް ސެންޓަރުތަކުގައި ހަދާފައިވާ މިކަމާ ގުޅޭ ކުދިކުދި ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ޓައިޕް 3ސީ ޑައިބެޓީސް ޖެހިފައިވާ ގިނަ ބަލިމީހުންނަށް ވެސް އިންސިއުލިން ބޭނުންވެ އެވެ. އަދި ހަކުރުބަލީގެ އަނެއް ދެ ވައްތަރު ޖެހިފައިވާ މީހުންނާ ޚިލާފަށް ޓައިޕް 3ސީ ޑައިބެޓީސް ޖެހިފައި ތިބޭ މީހުންނަށް ކާނާއާ އެކު ޑައިޖެސްޓިވް އެންޒައިމް ދިނުން ވަރަށް ފައިދާ ކުރެ އެވެ. މި ވައްތަރުގެ ބޭސް ހުންނަނީ ޓެބްލެޓް ގޮތަށެވެ. އަދި ކާން ޖެހެނީ ކާ ވަގުތެއްގައި ކާނާއާއެކު ނުވަތަ ސްނެކްސްއަކާ އެކުގަ އެވެ.
މި ފަހަކަށް އައިސް ސައިންސްވެރިންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އޮތް އެއް ކަންބޮޑުވުމަކީ ޓައިޕް 3ސީ ޑައިބެޓީސް އަކީ މިހާރު ފެންނަ ވަރަށް ވުރެ މާ އާންމު ކަމަކަށް ވެދާނެތީ އާއި މި ވައްތަރުގެ ހަކުރުބަލީގެ މީހުން ރަނގަޅަށް ދެނެގަނެވިފައިވާ މިންވަރު މަދުވުމެވެ.
ސައިންސްވެރިން ބުނި ގޮތުގައި މުޅި އާބާދީއަށް އަމާޒުކޮށް ފުޅާ ދާއިރާއެއްގައި މިކަމާ ގުޅޭ ދިރާސާއެއް ހެދީ ޓައިޕް 3ސީ ޑައިބެޓީސް އާއްމުވެފައިވާ މިންވަރު ދެނެގަތުމަށެވެ. މިފަހަރުގެ ހޯދުމުގައި، މި ވައްތަރުގެ ހަކުރުބަލި ޖެހިފައިވާ މީހުންނަށް ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރެވެނީ ކިހާ މިންވަރަކަށް ކަން ވެސް ދެނެގަނެފައިވާނެ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.
އެ ވައްތަރެއްގެ ހަކުރުބައްޔަކާ ގުޅޭ ރަނގަޅު ފަރުވާ ދިނުމަށްޓަކައި، އެ މީހަކަށް ޖެހިފައިވަނީ ކޮން ބާވަތެއްގެ ހަކުރު ބައްޔެއްކަން އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޓައިޕް 2 ޑައިބެޓީސް އަށް ދޭ ބޭހުގެ ތެރޭގައި ހިމެނޭ ލައިގްލަޒައިޑް ފަދަ ބޭހަކީ ޓައިޕް 3ސީ ޑައިބެޓީސް ހުންނަ މީހުންނަށް އެހާ ރަނގަޅު އަސަރުތަކެއް ކުރާ ބޭހެއް ނޫނެވެ. އަދި މީގެ އިތުރުން ބަލި މީހާގެ ހަކުރުބަލީގެ މައްސަލަ އިތުރަށް ގޯސްވެގެން ދިއުމަށް ވެސް ދިމާވާނެ އެވެ.
ޔުނިވަސިޓީ އޮފް ސަރޭގެ ކްލިނިކަލް ރިސާޗާ އެންޑްރޫ މެކްގޮވާންގެ ހަކުރު ބައްޔާ ބެހޭ ގޮތުން ލިޔުއްވާފައިވާ މި މައުލޫމާތުގެ އަސްލު، "ދަ ކޮންވަޒޭޝަން" ގައި ވަނީ ޝާއިއުކޮށްފަ އެވެ.