31 އޮކްޓޯބަރ 2017 - 14:13

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނައީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލަމުން ދަނިކޮށް ހައި ކޯޓުން ވަނީ އެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސަައިފަ އެވެ. އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ ފާރިސްގެ ވަކީލުން ބުނެ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ބެންޗް ބަދަލުކުރީ ރަނގަޅަށް ކަމަށް ކަނޑައެޅީ ބެންޗް ބަދަލުކުރި މައްސަލާގައި ގޮތެއް ނިންމަންޖެހޭނީ ހައި ކޯޓުން ކަމަށް ސުޕްރީމް ކޯޓުން އެންގުމުންނެވެ. އެކަމަކު ބަންދުގެ އަމުރާ ގުޅޭ މައްސަލަތަކަކީ ސިއްރު މައްސަލަތަކަކަށް ވާތީ އޭގެ ތަފްސީލެއް ނުލިބެ އެވެ.
ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ ބެންޗުގައި މިހާރު ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ބެންޗް ބަދަލުކުރުން ރަނގަޅު ކަމަށް ނިންމައި، މައްސަލަ ކުރިއަށް ގެންދަން ނިންމުމުން ފާރިސްގެ ވަކީލުން އެދުނީ އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންވެ އިތުރު އަޑުއެހުމެއް އެ މައްސަލާގައި އަދި ބާއްވާނެ އެވެ. މިއަދުގެ އަޑުއެހުމަށް ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަންމާފުޅު ނަސްރީނާ އިބްރާހިމް ވެސް ވަޑައިގަތެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ދަނީ ހިންގަމުންނެވެ.