31 އޮކްޓޯބަރ 2017 - 14:32

ޕެރިސް (އޮކްޓޯބަރު 31) - މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އޮކްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ތާރިގު ރަމަޟާންގެ މައްޗަށް ފްރާންސްގެ ދެ އަންހެނަކު ރޭޕުގެ ތުހުމަތުކޮށްފި އެވެ.

މީގެ ތެރޭން އެކަކު ކަމަށްވާ ހަންދާ އަޔާރީ ފްރާންސް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޕެރިހުގެ ހޮޓަލެއްގައި 2012 ވަނަ އަހަރު އޭނާ އަށް ރަމަޟާން "ހަމަލާދީފައިވާ" ކަމަށެވެ. އޭނާ ބުނި ގޮތުގައި ރަމަޟާން ވަނީ ވަލު ޖަނަވާރެއް ގޮތަށް އޭނާ ގަޔަށް ފުންމާލައިފަ އެވެ.
ފޭސްބުކް މެދުވެރިކޮށް ރަމަޟާން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެއީ އޭނާއާ ދެކޮޅަށް ފަށާފައިވާ ދޮގު ކެމްޕޭނެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާގެ ވަކީލް މެދުވެރިކޮށް އެ އަންހެން މީހާ އަށް ދައުވާ ކުރާނެ ކަމަށް ރަމަޟާން ވިދާޅުވި އެވެ.
އަޔާރީ ބުނީ ރަމަޟާންގެ ޖިންސީ ގޯނާގެ ވާހަކަ ދައްކަން އޭނާ އަށް ހިތްވަރު ލިބުނީ ހޮލީވުޑުގެ ޕްރޮޑިއުސަރު ހާވީ ވެއިންސްޓެއިންގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފަޅާ އަރުވާލުމާ ގުޅިގެންނެވެ. ޖިންސީ އަނިޔާތަކެއް ލިބުނު ވާހަކަ އަޔާރީ މީގެ ކުރިން ފޮތެއްގައި ބުނި ނަމަވެސް އެއީ ކާކުކަން ބުނެފައެއް ނުވެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ އަންހެނުންނަށް ލިބުނު ޖިންސީ ގޯނާތައް ޓްވިޓާގައި ހިއްސާކުރަން ބޭނުން ކުރާ #މީޓޫ ހޭޝްޓެގް މިހާރު ވަނީ ވައިގައި ހިފައިފަ އެވެ.
ބީއެފްއެމްޓީވީގައި ވާހަކަ ދައްކަމުން އަޔާރީ ބުނީ ޕެރިހުގައި ރަމަޟާން ހުރި ހޮޓަލަށް އޭނާ ދިޔައީ ދީނީ ސުވާލެއް ކުރަން ކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން ލިބުނީ ޖިންސީ އަނިޔާއެއް ކަމަށް ބުންޏެވެ.
ދެ ވަނަ މީހާ ބުނީ ރަމަޟާން ވަނީ ލިޔޯންގެ ހޮޓަލެއްގައި 2009 ވަނަ އަހަރު އޭނާ ރޭޕްކޮށްފައި ކަމަށެވެ.
ތޯރިގް ރަމަޟާން ގެންދަވަނީ މެދުމިނުގެ އިސްލާމީ އުސޫލުތަކަށް ބާރު އަޅަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާ ދަނީ "ޕޮލިޓަކަލް އިސްލާމް" ޕްރޮމޯޓް ކުރަމުންނެވެ.
ސްވިޒަލެންޑަށް އުފަން ރަމަޟާން ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން އޮކްސްފޯޑުގައި ޕްރޮފެސަރެއްގެ މަގާމު ފުރަމުންނެވެ.