ކުރީގެ ރައީސް ނަޝީދުގެ ގެސްޓްހައުސް އަޅައިނުދީގެން އެމްއައިބީއާ ދެކޮޅަށް ދައުވާކުރައްވައިފި
ކުރީގެ ރައީސް ނަޝީދުގެ ގެސްޓްހައުސް އަޅައިނުދީގެން އެމްއައިބީއާ ދެކޮޅަށް ދައުވާކުރައްވައިފި

ކ. ތުލުސްދޫގައި ގެސްޓް ހައުސެއް އަޅައިނުދީގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މޯލްޑިވްސް އިސްލާމިކް ބޭންކާ ދެކޮޅަށް ތުލުސްދޫ ކޯޓުގައި ދައުވާކޮށްފި އެވެ.

ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ބޭބ އިބްރާހިމް ނާޝިދު ދައުވާކުރައްވަނީ ނަޝީދާއި ނާޝިދުގެ ނަމުގައި ތުލުސްދޫގައި އޮތް ބިމެއްގައި ގެސްޓް ހައުސެއް އެޅުމަށް އިސްލާމިކް ބޭންކާ ދެމެދު 2015 ގައި ހެދި އެއްބަސްވުމުގެ ދަށުން، ގެެސްޓް ހައުސް އިމާރާތް ކޮށްފައިނުވާތީ އެވެ.

ފަސް ބުރީގެ ގެސްޓް ހައުސެއް 11 މަސް ތެރޭގައި އަޅައި، ނިންމަން ޖެހޭ ގޮތަށް އެ އެއްބަސްވުމުގައި އޮތަސް ގެސްޓް ހައުސްގެ މަސައްކަތް އެއްކޮށް ނިންމާފައެއް ނުވެ އެވެ. އެ އެއްބަސްވުމުގެ ދަށުން ނަޝީދާއި ނާޝިދު ދައްކަން ޖެހޭ ފައިސާ ދެއްކެވުމުން ވެސް އިސްލާމިކް ބޭންކުން ގެސްޓް ހައުސްގެ މަސައްކަތް އެއްކޮށް ނިންމާފައި ނުވާ ކަމަށް ބުނެ އެ ދައުވާގައި އެދިވަޑައިގެންފައި ވަނީ ގެސްޓް ހައުސްގެ މަސައްކަތް ނިންމުމަށް އެ ބޭންކްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅަން އެއްބަސްވި ގެސްޓް ހައުސްގެ މަސައްކަތަށް ނަޝީދާއި ނާޝިދުގެ ފަރާތުން އެޑްވާންސްކޮށް ދައްކަން ޖެހެނީ 176،000ރ. އެވެ. އަދި އިމާރާތް ކުރަމުންދާ 11 މަސް ތެރޭގައި 227،000ރ. ދައްކަން ޖެހޭއިރު ބާކީ ފައިސާ ދައްކަން ޖެހެނީ އިމާރާތް ނިމުމުން 60 މަސް ދުވަހުގެ ތެރޭގަ އެވެ. އޭގެ ތެރެއިން 176،000ރ. އާއި 227،000ރ. ބޭންކަށް ދައްކާފައިވާ ކަމަށް އެ ދައުވާގައިވެ އެވެ.