"އިއްތިފާގު"ގެ އެންމެ ބޮޑު ސިއްރު ޝާހްރުކް ހާމަކޮށްފި
"އިއްތިފާގު"ގެ އެންމެ ބޮޑު ސިއްރު ޝާހްރުކް ހާމަކޮށްފި

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "އިއްތިފާގު" އަކީ ޝާހްރުކް ޚާނާއި ކަރަން ޖޯހަރް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ހޯމަ ދުވަހު ބޭއްވި މި ފިލްމުގެ ޕްރެސް ކޮންފްރެންސްގައި ކަރަން ޖޯހަރާ އެކު ބައިވެރިވެ ވާހަކަ ދައްކަމުން ޝާހްރުކް ބުނީ ފިލްމުގައި މީހުން މަރާ މީހަކީ އޭނާ ކަމަށެވެ.

ޖޯކަކަށް ހަދާފައި މި ވާހަކަ ދައްކަމުން ޝާހްރުކް ބުނީ އޭނާ ފެންނާނީ ފިލްމުގެ ނިމޭ ހިސާބުގައި ކަމަށާއި "ކާލް"ގެ ޓައިޓްލް ޓްރެކް ވެސް އެ ގަޑީގައި ކުޅޭނެ ކަމަށެވެ.

ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ އަދި އަކްޝޭ ކަންނާ ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހްރުކް ބުނީ "އިއްތިފާގު" އަކީ 1969 ގައި ޔާޝް ޗޯޕްރާ ޑައިރެކްޓްކުރި ތުރިލާ "އިއްތިފާގު"ގެ ރިމޭކެއް ނަމަވެސް ވަރަށް އޮރިޖިނަލް ވާނެ ކަމަށެވެ. މިފަހަރުގެ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޔާޝް ޗޯޕްރާއަށް ބޮޑުބޭބެ ކިޔާ އަބޭ ޗޯޕްރާ އެވެ.

"ފިލްމުގެ ވާހަކަ އާއި ތަރިން ހަމަ ގައިމުވެސް ތަފާތު ވާނެ،" ޝާހްރުކް ބުންޏެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު ކަރަން ބުނި ގޮތުގައި ފިލްމަށް އެމީހުން ކާސްޓްކުރި ފުރަތަމަ އެކްޓަރަކީ ސިދާރްތު އެވެ. އޭގެ ފަހުން ސޮނާކްޝީ އާއި އަކްޝޭ އެ ފިލްމުގެ ރޯލުތަކަށް ވަރަށް ފަސޭހަކަމާ އެކު ފިޓްވީކަމަށް އޭނާ ބުންޏެވެ.