"ސީތާ އައުރް ގީތާ"ގެ ސީކުއަލްގައި ވެސް ހެމާ މާލިނީ
"ސީތާ އައުރް ގީތާ"ގެ ސީކުއަލްގައި ވެސް ހެމާ މާލިނީ

"ސީތާ އައުރު ގީތާ"ގެ ސީކުއަލް އެއް އުފެއްދުމުގެ ވިސްނުން އެ ފިލްމުގައި ޑަބަލް ރޯލު ކުޅުނު ހެމާ މާލިނީ އަށް މިދިޔަ މަހު އައީ ވަރަށް ކުއްލިއަކަށެވެ. އަދި ހެމާގެ މި ޚިޔާލަށް ޑައިރެކްޓަރު ރަމޭޝް ސިއްޕީ މިހާރު ވަނީ ތާއީދުކޮށްފަ އެވެ.

"ސީތާ އައުރު ގީތާ" އަކީ 1972 ގައި ރަމޭޝް ސިއްޕީ ޑައިރެކްޓްކޮށްފައިވާ ބްލޮކްބަސްޓާ ފިލްމެކެވެ. އަދި މިއީ ހެމާގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އެއް ފިލްމެވެ.

މިދިޔަ އަހަރު "މިރްޗް މަސާލާ" ކިޔާ ފިލްމެއް ހެމާ އާއި ރާޖްކުމާރު ރާއޯއާ އެކު ފުރިހަމަ ކުރި ރަމޭޝް ވެސް "ސީތާ އައުރު ގީތާ"ގެ ސީކުއަލް އެއް އުފެއްދުމަކީ ވަރަށް ފައްކާ ޚިޔާލެއް ކަމަށް ގަބޫލުކުރެ އެވެ.

"އަހަރެމެން އެ ފިލްމު އުފެއްދިތާ 45 އަހަރު ފާއިތުވެފައި ވިޔަސް ކީއް ވާނީ. އަހަރެން ހެމާ ބައިވެރިކޮށްގެން ހަތަރު ފިލްމެއް އުފެއްދިން. އޭގެ ތެރޭގައި 'ޝޯލޭ' ވެސް ހިމެނޭ. އެންމެން ވެސް އަހަރެން ދަންނަނީ 'ޝޯލޭ' ގެ ޑައިރެކްޓަރުގެ ގޮތުގައި. އޭރެކޭ މިހާރެކޭ މާބޮޑު ބަދަލެއް އައިސްފައެއް ނުވޭ. މިހާރު ވެސް ހެމާ އަކީ ބޮލީވުޑް ބަތަލާއިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ލޯބިވާ ބަތަލާއެއް. ރޮކްސްޓާ އެއް،" ރަމޭޝް ބުންޏެވެ.

ހެމާ ބުނި ގޮތުގައި އޭނާއަށް މި ޚިޔާލު ލިބުނީ ރަޝިޔާއަށް ކުރި ދަތުރެއްގަ އެވެ.

"އަހަންނަށް އެނގޭ 'ސީތާ އައުރު ގީތާ' އަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް މަގްބޫލު ފިލްމެއްކަން. ނަމަވެސް ރަޝިޔާ މީހުންގެ ތެރޭގައި ވެސް ފިލްމުގެ ފޭނުން އެހާ ގިނަ ކަމެއް ކުރިން އެނގިފައެއް ނުވޭ. ރަޝިޔާ ފޭނުން ބޭނުންވޭ މި ފިލްމުގެ ސީކުއަލް އެއް ބަލާލަން. އަހަރެން ޖޯކެއް ކަމަށް ހަދާފައި ބުނިން އޭގެ ފިލްމެއް އުފައްދާނެކަމަށް. ނަމަވެސް މިހާރު އަހަރެމެން ސީރިއަސްކޮށް އެ ފިލްމު އުފައްދަން މި އަންނަނީ ވިސްނަމުން،" ހެމާ ބުންޏެވެ.

"ސީތާ އައުރު ގީތާ" އެންމެ ފުރަތަމަ ލިބުނީ މުމްތާޒް އަށެވެ. ނަމަވެސް އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކާ ހުރެ އެ ފިލްމު އޭނާއަށް ކުޅެވޭގޮތް ނުވީ އެވެ. ރަމޭޝް ކުރިން އޮތީ ހެމާ އާއެކު "އަންދާޒް" ގައި މަސައްކަތް ކޮށްފަ އެވެ. އެހެންވެ ހެމާ އަށް އެ ރޯލު ވަރަށް ފުރިހަމައަށް ކުޅެވޭނެ ކަމަށް ގަބޫލު ކުރެވޭތީ ހެމާ އަށް ފިލްމު ދިނީ އެވެ.

މި ފިލްމުގެ ސަބަބުން، ކުރިން ވަރަށް ފަނޑުކޮށް އޮތް ހެމާގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބި އޭނާގެ މަޝްހޫރުކަން އެތައް ގުނަޔަކަށް އިތުރުވެގެން ދިޔަ އެވެ. ހެމާ ބުނި ގޮތުގައި މިއަދުވެސް ބައެއް މީހުން އެ ފިލްމުގައި އޭނާ ސީލިން ފަންކާއެއްގެ މަތީގައި އިންނަ މަންޒަރު ހަނދާން ހުރެ އެވެ. ނަމަވެސް ފަންކާއަށް އޭނާއަށް އެރުނު ގޮތެއް ނާހަން ހެމާ އެދުނެވެ.