"ޕަދްމާވަތީ"ގެ ބައެއް މަންޒަރުތައް ކަނޑާލައި ފިލްމު ކުރުކޮށްލަނީ
"ޕަދްމާވަތީ"ގެ ބައެއް މަންޒަރުތައް ކަނޑާލައި ފިލްމު ކުރުކޮށްލަނީ

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ރިލީޒްކުރުމުގެ ތައްޔާރީތައް ވަމުން އަންނައިރު ބާންސާލީ އަށް ވަނީ ހައްލުކުރަން އުނދަގޫ މައްސަލަތަކާ ކުރިމަތިވެފަ އެވެ. އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ބާންސާލީގެ މި ފިލްމަކީ އޭނާގެ އެހެން ގިނަ ފިލްމުތަކެކޭ އެއްގޮތަށް ވަރަށް މޮޅު އެހާމެ ރީތި ފިލްމެކެެވެ. ނަމަވެސް މައްސަލައެއް އެެބައޮތެވެ. އެއީ ފިލްމު ތަންކޮޅެއް ދިގުވުމެވެ. އެހެންވެ ފިލްމުގެ ބައެއް ކަނޑާލަން ބާންސާލީ އަށް ކޮންމެހެން ވެސް ވަނީ ޖެހިފަ އެވެ.

މިހާރު "ޕަދްމާވަތީ"ގެ ދިގުމިނަކީ 210 މިނިޓެވެ. ބާންސާލީ އާއި އޭނާގެ ޓީމުން ވެސް ގަބޫލުކުރާ ގޮތުގައި ފިލްމު އަދި ކުޑަކޮށް ކޮށައި މަށާލައިގެން ކުރުކޮށްލަން ޖެހެ އެވެ. ނަމަވެސް މިގޮތަށް މަންޒަރުތައް ކަނޑާލައިރު ވިސްނާލަން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. ފިލްމުގައި އެންމެ މުހިއްމު ރޯލުތައް ކުޅެފައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރަކީ އެއްވަރުގެ ވަރުގަދަ ތިން އެކްޓަރުން ކަމެވެ.

ފިލްމުން ބައެއް މަންޒަރުތައް އުނިކުރިޔަސް މިއިން އެއްވެސް އެކްޓަރެއްގެ މުހިއްމު މަންޒަރެއް ކަނޑައިލެވި އެއްވެސް އެކްޓަރަކު ދެރަވެދާނެތީ ވެސް ބާންސާލީ ވަރަށް ކަންބޮޑުވެ އެވެ.

ބާންސާލީ އަކީ އުފައްދާ ފިލްމުތަކުގެ މަސައްކަތް ވަރަށް ލޯބިން ކުރާ މީހެކެވެ. އަދި އެކްޓަރުންނަށް ހެޔޮ މީހެކެވެ. އޭނާ ބޭނުންވާ ފިލްމު މޮޅު ކުރާށެވެ. ފިލްމަށް ފައިދާވާހެން ހީވާ ނަމަ ކަނޑާލަން ޖެހުނު ކޮންމެ މަންޒަރެއް އޭނާ ކަނޑައިލާނެ އެވެ.

ފިލްމުގެ ޝޫޓިން ގާތްގަނޑަކަށް ނިމިފައިވާއިރު ފުރަތަމަ ލަވަ "ގޫމަރް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އަދި މިހާރު ކުރިޔަށް ދަނީ ޕެޗްވޯކް އެވެ.