01 ނޮވެމްބަރ 2017 - 06:47

ޒުވާން ބަތަލު ވަރުން ދަަވަން މިހާރު ކުޅެމުން އަންނަ "އޮކްޓޯބަރު" ގެ ބައެއް މަންޒަރުތައް މޭކަޕް ނުކޮށް ގްލިސަރިން ވެސް ބޭނުން ނުކޮށް ޝޫޓްކޮށްފި އެވެ. މި ފިލްމަކީ ވަރުން ކުރިން ކުޅުނު "ބަދްލާޕޫރް" ކަހަލަ ޑާކް ރޮމެންޓިކް ތުރިލާ އެކެވެ. އެހެންވެ ވަރުން އަށް ޖެހިފައިވަނީ އޭނާގެ ރޮމެންޓިކް ބޯއީ އިމޭޖް ދޫކޮށް މި ކެރެކްޓާގެ ތެރެއަށް ވަރަށް ބޮޑަށް ވަންނާށެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވަރުން މި ފިލްމުގައި ކުޅޭ ކެރެކްޓާގެ ތެރެއަށް ވަދެފައިވާ މިންވަރު ބޮޑުކަމުން ފިލްމު ކުރޫ ވެސް ތިބެނީ ވަރަށް ބޮޑަށް ހައިރާންވެފަ އެވެ.
ވަރުންގެ ފަސް އަހަރުވީ ފިލްމީ ކެރިއަރުގައި ރޮމެންޓީކް، ކޮމެޑީ، އެކްޝަން، ޑާކް ތުރިލާ ފަދަ ތަފާތު ފިލްމުތައް ކުޅެފައިވެ އެވެ. އަދި މި ފިލްމުތަކުން ވަރުން ވަނީ އޭނާ އަކީ ކޮންމެ ބައެއްވެސް ވަރަށް މޮޅަށް ކުޅެވިދާނެ ކުޅަދާނަ އެކްޓަރެއްކަން ސާބިތު ކޮށްދީފަ އެވެ.
ޝޫޖިތު ސިރްކާރް ޑައިރެކްޓްކުރާ "އޮކްޓޯބަރު" އަށް ވަރުން ދަނީ މީގެ ކުރިން ކުރާ ވަރަށް ވުރެ ވެސް މާ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެހެންވެ ކެރެކްޓާއަށް ރަނގަޅަށް ފިޓްވުމަށްޓަކައި އޭނާ އެއްވެސް މޭކަޕެއް ވެސް ބޭނުން ނުކުރަނީ އެވެ. އަދި ދެރަވާ މަންޒަރުތަކުގައި ލޮލުން ކަރުނަ ގެންނަން ވެސް އޭނާއަކަށް ގްލިސަރީން އެއް ވެސް ބޭނުމެއް ނުވެ އެވެ. ކެރެކްޓާއަށް ވަދެވިފައި ހުންނަލެއް ބޮޑުކަމުން ދެރަވާ މަންޒަރުތަކުގައި އޭނާގެ ލޮލުން އޮޓަމެޓިކުން ކަރުނަ އަންނާތީ އެެވެ.
ފިލްމާ ގުޅޭ ގޮތުން މައުލޫމާތު ދިން މީހަކު އިންޑިއާގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި މިފިލްމްގެ ޝޫޓިންގައި ވަރުން މިހާރު އުޅޭއިރު އޭނާ ވަނީ ވަރަށް ތަފާތު ޒޯނެއްގަ އެވެ. ފިލްމުގައި އޭނާގެ ކެރެކްޓާގެ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވިގެން ރޮވެން ޖެހޭ ފަހަރު ވަރަށް ގިނަ އެވެ. އެފަދަ މަންޒަރުތަކުގައި ވަރުން އަށް ހަމަ ހަގީގަތުގައި ވެސް ރޮވޭ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"ވަރުން ކައިރީގައި ޑައިރެކްޓަރު ޝޫޖިތު ބުނެފައިވަނީ ވެސް ގްލިސަރިން އާ ނުލައި ރޯށޭ. އޭނާ ބޭނުންވީ ވަރުންގެ ކެރެކްޓާގެ ވޭންތައް ފިލްމު ބަލަމުންދާއިރު ބެލުންތެރިންނަށް ވެސް އިހްސާސް ވާން. ފިލްމު ޝޫޓްުކުރަމުން ދިޔައިރު އެއް ފަހަރަކު ހަމަ ހަގީގަތުގައި ވެސް ވަރުން އަށް ރޮވުނު. ޝޫޖިތު އާއި ފިލްމުގެ ކުރޫގެ ގޮތުގައި އުޅޭ އެންމެން ވެސް ތިބީ ވަރުންގެ ޕާފޯމަންސް ފެނިފައި ބަސް ހުއްޓިފައި،" މައުލޫމާތު ހިއްސާކުރި މީހާ ކިޔައިދިނެވެ.
"އޮކްޓޯބަރު" އަކީ އަންނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުކުރަމުންދާ ފިލްމެކެވެ. ފިލްމުގެ ބަތަލާއަކީ އަލަށް ތައާރަފްވާ ބިނީތާ ސަންދޫ އެވެ.