31 އޮކްޓޯބަރ 2017 - 11:38

ބްރެސަލްސް (އޮކްޓޯބަރު 31) - ކެޓަލޯނިއާގެ ވެރިކަމުން ދުރުކުރި ކާލްސް ޕުޖްޑެމޮން ބެލްޖިއަމަށް ވަޑައިގެން އެ ގައުމުގައި ގާނޫނީ ލަފާ ހޯއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕުޖްޑެމޮން ބެލްޖިއަމަށް ވަޑައިގެންނެވީ ސިޔާސީ ހިމާޔަތް ހޯއްދެވުމަށެވެ. އެކަމަކު ސިޔާސީ ހިމާޔަތް ހޯދުމާ ބެހޭ މައްސަލަތަކުގެ ޚާއްސަ ތަޖްރިބާކާރެއް ކަމަށްވާ ޕޯލް ބެކައާޓް ވިދާޅުވީ ޕުޖްޑެމޮން ބެލްޖިއަމަށް ވަޑައިގެންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވަން ނޫން ކަމަށާއި އެކަމަކު މެޑްރިޑުން އަޅައިފާނެ ފިޔަވަޅަކަށް ގާނޫނީ ލަފާ ހޯއްދަވަން ކަމަށެވެ. ބެކައާޓް ވަނީ ޕުޖްޑެމޮންގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރަން އެއްބަސްވެފަ އެވެ. ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޕުޖްޑެމޮން ބެލްޖިއަމަށް ވަޑައިގެންނެވީ ކެޓަލޯނިއާ ސަރުކާރުގެ މަގާމުތަކުން ދުރުކުރި މެންބަރުންގެ ޓީމަކާ އެކު އެވެ.
ސްޕޭނުގެ އެޓާނީ ޖެނެރަލް ހޯސޭ މެނުއަލް މާޒާ ވިދާޅުވީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުގައި އިސްކޮށް އުޅުނު މީހުންގެ މައްޗަށް ބަޣާވާތް ކުރަން އުޅުނުކަމުގެ ދައުވާ ކުރާނެ ކަމަށެވެ.
ބެލްޖިއަމްގެ އިމިގްރޭޝަން މިނިސްޓަރު ވަނީ ޕުޖްޑެމޮން އަށް ބެލްޖިއަމުން ހިމާޔަތް ދީފާނެ ކަމުގެ އިޝާރާތެއް ހޮނިހިރު ދުވަހު ދެއްވައިފަ އެވެ.
ކެޓަލޯނިއާގެ ޕާލަމެންޓުން ހުކުރު ދުވަހު ވަނީ މިނިވަންކަން އިއުލާންކޮށްފަ އެވެ. އަދި އޭގެ ފަހުން ސްޕޭން ސަރުކާރުން ވަނީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުންކޮށް، ކެޓަލޯނިއާގެ ޕާލަމެންޓާއި ސަރުކާރު އުވާލައިފަ އެވެ.