ބޮޑު މަސް ނައްތާނުލެވުމުން މަސައްކަތް ހުއްޓާލައިފި
ބޮޑު މަސް ނައްތާނުލެވުމުން މަސައްކަތް ހުއްޓާލައިފި

ބ. ގޮއިފުޅަފެހެންދޫ ފަޅަށް މިދިޔަ ބުރާސްފަތި ދުވަހު ލެއްގި ބޮޑު މަސް ނައްތާލަން ގޮއިދޫ ކައުންސިލުން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެކަން އެންމެ ފަހުން ހުއްޓާލައިފި އެވެ.

ގޮއިދޫ ކައުންސިލުން ބުނީ އެ ރަށާ ހައެއްކަ މޭލު ދުރަށް ލައްގާފައިވާ ބޮޑު މަސް ނައްތާލަން މިދިއަަ ހަތަރު ދުވަހު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑިންގީއެއްގައި އައްސައިގެން އޭތި ކަނޑަށް ބޭރުކުރަން. އެކަމަކު އެކި ގޮތްގޮތަށް އެ މަސައްކަތް ކޮށް ވެސް އެކަން ނުވުމުން މިހާރު އެ އޮތީ މަސް އެގޮތަށް ދޫކޮށްލާފައި،" ކައުންސިލް މެމްބަރު މުހައްމަދު ނާފިޒް ވިދާޅުވި އެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު ފަޅެއް ކަމަށްވާ އެ ސަރަހައްދަށް ބޮޑު މަސް ލެއްގި ތަނާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކަށް އޮތީ ފުޅަދު އެވެ. އެކަމަކު ގޮއިދޫ ކައުންސިލުން މަސް ނައްތާލަން އުޅުނީ އޭގެ ކަށިތަކާ އެއްޗެހި ބައެއް މީހުން ބޭނުން ވެގެން އެކަމަށް އެދުމުން ކަމަށް ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު މަސް ލައްގައިފައި އޮތް ތަނުގައި މިިޔަރުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ފެމުނު އުޅޭތީ އެ ހިސާބަށް އެއްވެސް މީހަކު ނޭރެ ކަމަށެވެ.

ގޮއިފުޅަފެހެންދޫ ފަޅޭ ކިޔަނީ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ ވެސް އޮންނަނީ އެ ފަޅުތެރޭގައި ކަމަށް ވާތީ އެވެ.