06 ޖުލައި 2016 - 13:42

ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓަށް ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ވެސްޓް ހޭމްގެ ޗެއާމަން ޑޭވިޑް ގޯލް ވިދާޅުވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި މާސޭ ދޫކޮށް ވެސްޓް ހޭމް އަށް ބަދަލުވުމަށް ފަހު ޕަޔެޓް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޕްރިމިއާ ލީގުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދި އެވެ.

ގޯލްޑް ވިދާޅުވީ ޕަޔެޓަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި އަންނަ ސީޒަނުގައި އޮލިމްޕިކް ސްޓޭޑިއަމަކަށް ބަދަލުވާއިރު ޓީމުގެ ތަރިން ބައިތިއްބަން ބޭނުންވާ ކަމަށެވެ.
"ޕަޔެޓަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ޓީމަށް މުހިއްމު ކުޅުންތެރިއެއް. އޮލިމްޕިކް ސްޓޭޑިއަމަކަށް ބަދަލުވާއިރު އެބަޖެހޭ ޓީމުގެ ތަރިން ބަހައްޓަން. މާލީ ހާލަތަށް ބަލާއިރު ވެސްޓް ހޭމް އޮތީ ޓީމުގެ މުހިއްމު ކުޅުންތެރިން ވިއްކާލަން ޖެހޭ ހިސާބެއްގައެއް ނޫން،" ގޯލްޑް ވިދާޅުވި އެވެ.
ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް މިިދިޔަ އަހަރު ޕަޔެޓް އެ ޓީމަށް ގެނައުމަށް ފަހު އެއިރު ބުނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޕަޔެޓަކީ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ބޭނުންވާނެ ކުޅުންތެރިއަކަށްވާނެ ކަމަށެވެ.
ޕްރިމިއާ ލީގުގައި ފާއިތުވި އަހަރުތަކުގައި މޮޅަށް ކުޅުނު ކުޅުންތެރިން ވަނީ ބޮޑު އަގުގައި ސްޕެއިނުގެ ބޮޑު ދެ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ގަރެތު ބޭލް އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ރެއާލަށް ބަދަލުވިއިރު، ބާސެލޯނާ އިން ވަނީ ލުއިސް ސުއަރޭޒް ގެންގޮސްފަ އެވެ.
ގޯލްޑް ވިދާޅުވީ ރެއާލާއި ބާސެލޯނާ އިން ޕަޔެޓަށް ޝައުގުވެރިވާކަން މީޑިއާގެ ޒަރިއްޔާއިން އެނގިފައިވާ ކަމަށާއި އެ ފަދަ ކްލަބަކުން ހުށަހަޅައިފިނަމަ ޕަޔެޓް ޓީމުގައި ބަހައްޓަން އުނދަގޫވާނެ ކަމަަށެވެ.
"ރެއާލާއި ބާސެލޯނާ އަށް ކުޅުމަކީ މިހާރު ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނަކަށްވެފައި މި އޮންނަނީ. އެ ދެ ކްލަބުން ކުރެ ކްލަބެއްގެ ހުށަހެޅުމެއް ލިބޭނީ މަދު ފަހަރަކު. ރެއާލާއި ބާސެލޯނާ ކުރެން ކްލަބަކުން ޕަޔެޓަށް ބޮޑު އަގުގެ ހުށަހެޅުމެއް އައިސްފިނަމަ ގޮތެއް ނިންމާނީ ޕަޔެޓް. ކްލަބުން އޭނާގެ ނިންމުމަށް އިހުތިރާމް ކުރާނަން،" ގޯލްޑް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ ކޯޗު ފްރާންސްގެ ކުރީގެ ތަރި ޒިނެދިން ޒިދާން އަންނަނީ ޕަޔެޓަށް ފާރަލަމުންނެވެ. އަދި ޔޫރޯ އަށް ފަހު ޕަޔެޓަށް ރެއާލުން ބިޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ވެސްޓް ހޭމް އިން ޕަޔެޓް ގަތީ 11 މިލިއަން ޕައުންޑަށެވެ. ވެސްޓް ހޭމް އިން ޕަޔެޓާ އެކު ހެދި އެއްބަސްވުމުގައިވާ ގޮތުން ޕަޔެޓް ގަންނަން ދޭން ޖެހޭ އަގަކީ 35 މިލިއަން ޕައުންޑެވެ. އެއްވެސް ކްލަބަކުން އެ އަގު ހުށަހަޅައިފިނަމަ ޓީމު ބަދަލު ކުރުމުގެ އިހުތިޔާތު އޮންނާނީ ޕަޔެޓް އަތުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ޗައިނާގެ ކްލަބް ޝަންހާއީ ޝެންހުއާ އިން ވަނީ ޕަޔެޓް ގަންނަން 38 ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމަށް ޕަޔެޓް ވަނީ ނޫނެކޭ ބުނެފަ އެވެ.
އުމުރުން 29 އަހަރުގެ ޕަޔެޓް ފުޓްބޯޅަ ކެރިއަރު ފެށީ 2004 ވަަނަ އަހަރު ރީޔޫނިއަންގެ އޭއެސް އެކްސެލްސިއާ އިންނެވެ. އޭނާ ދެން ފެނުނީ ފްރާންސްގެ ކްލަބްތަކުންނެވެ. ފްރާންސްގެ ފުރަތަމަ ޑިވިޝަންގެ ހަތަރު ކްލަބަކަށް ޕަޔެޓް ވަނީ ކުޅެފަ އެވެ. އެއީ ނަންޓެސް، ސެއިން އެޓިއެން، ލިއްލޭ އަދި މާސޭ އެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް 2007 ވަނަ އަހަރު ފުރަތަމަ މެޗެއް ކުޅުނު ޕަޔެޓަށް ސީނިއާ ޓީމުން ފުރަތަމަ ފުރުސަތު ދިނީ 2010 ވަނަ އަހަރު އެވެ. ސީނިއާ ޓީމުން ގަވައިދުން ޕަޔެޓަށް ޖާގަ ލިބެން ފެށީ މިދިޔަ ސީޒަނުގައި ވެސްޓް ހޭމްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.