01 ނޮވެމްބަރ 2017 - 06:41

ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތަކުގެ އަސަރު އެންމެ ބޮޑަށް ހުންނަ މޭވާތަކުގެ ތެރޭގައި އާފަލު ހިމެނެ އެވެ. އެހެންވީމާ އާފަލެއް ކާލުމުގެ ކުރިން ކިހާ ރަނގަޅަކަށް ދޮންނަން ހެއްޔެވެ؟
އާ ދިރާސާއެއް ބުނާ ގޮތުގައި ކެއުމުގެ ކުރިން އާފަލުގެ ބޭރު ފޮހެލުން ނުވަތަ ފެން އިސްކުރު ދަށަށް ލައި ދޮވެލުމަކުން އަދި ނުފުދެ އެވެ. އާފަލު ދޮންނަން އެންމެ ރަނގަޅު ގޮތެއް ކަމަށް އެ ދިރާސާ އިން ދައްކަނީ ބޭކިން ސޮޑާ އަޅާފައިވާ ފެން އެއްޗަކުންނެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް މެސެޗޫސެޓްސް އެމްހާސްޓްގެ ދިރާސާވެރިން ވަނީ ކެމިކަލެއް ބޭނުން ނުކޮށް ހައްދާފައިވާ އޯގަނިކް އާފަލަށް، އާއްމުކޮށް ބޭނުންކުރާ ދެ ބާވަތެއްގެ ޕެސްޓިސައިޑް ސްޕްރޭކުރުމަށް ފަހު އެ އެއްޗެހި ތިން ގޮތަކަށް ދޮވެފަ އެވެ. ޕެސްޓިސައިޑް ޖެހިތާ 24 ގަޑި އިރު ފަހުން އާފަލުތައް ދޮވުނީ ފެނުންނާއި އާފަލު ވިއްކަން ފިހާރަ އަށް ލުމުގެ ކުރިން އެ އެއްޗެހިން ކިލާ ފިލުވާލަން އާއްމުގޮތެއްގައި ބޭނުންކުރާ ބާވަތުގެ ބްލީޗުންނާއި ބޭކިން ސޮޑާ އަޅާފައިވާ ފެނުންނެވެ.
ދެ މިނިޓް ފަހުން ބެލި އިރު، އެންމެ ބޮޑަށް ޕެސްޓިސައިޑް ފިލައިގެން ދިޔައީ ބޭކިން ސޮޑާ އަޅާފައި ހުރި ފެނުންނެވެ. އަދި ބްލީޗް އަޅާފައި ހުރި ފެނަށް ވުރެ، އާދައިގެ ފެން މާ ރަނގަޅުކަން ވެސް އެނގުނެވެ.
އޭގެ އިތުރުން، ބޭކިން ސޮޑާ އަޅާފައިވާ ފެނުގައި އާފަލުތައް 12-15 މިނިޓް ވަންދެން ބެހެއްޓުމުން ޕެސްޓިސައިޑްތައް އެއްކޮށް ފިލައިގެން ދިޔަ އެވެ.
މި ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ލިލީ ހޭ ވިދާޅުވިގޮތުގައި 500 އެމްއެލް ފެނަށް ސައިސަމުސަލެއްގެ ބޭކިން ސޮޑާ އަޅައިގެން ގިރާލުމަށް ފަހު މަދުވެގެން ދެ މިނިޓް އިރު އެ ފެނުގެ ތެރޭގައި އާފަލު ބާއްވަންވާނެ އެވެ. ރަނގަޅީ ވީހާ ވެސް ގިނަ އިރެއް ކުރުން ކަމަށާއި އެއަށް ފަހު އާދައިގެ ފެނުން ދޮވެލައިގެން ކާލަންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެސްޓިސައިޑުން ސަލާމަތްވާން އާފަލު މަށާލެވިދާނެކަން ވެސް ދިރާސާވެރިން ފާހަގަކުރި އެވެ. އެކަމަކު އޭރުން އާފަލުގެ ތޮށީގައި ހުންނަ ފައިދާހުރި މާއްދާތަކާއި ފައިބާއެއް ނުލިބޭނެ އެވެ.