30 އޮކްޓޯބަރ 2017 - 19:52

ލަންޑަން (އޮކްޓޯބަރު 30) - ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި އިޒްރޭލް އުފައްދަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ގަރުނެއްވީ އިރު އެ ގަރާރުގެ ދިފާއުގައި އިނގިރޭސިން މިއަދު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.
އިނގިރޭސި ވިލާތުގެ އޭރުގެ ޚާރިޖީ ވަޒީރު އާތާ ބެލްފޯގެ ފަރާތުން އިނގިރޭސިންގެ ޔަހޫދީ ކޮމިއުނިޓީ ލީޑަރަށް 1917 ވަނަ އަހަރު ފޮނުވި 67 އަކުރުގެ ސިޓީ އަށް އަންނަ ބުރާސްފަތި ދުވަހު ގަރުނެއް ވާނެ އެވެ. ބެލްފޯ ޑިކްލަރޭޝަނަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ލަންޑަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ޓެލެގްރާފުގައި އިއްޔެ ލިޔުއްވި އާޓިކަލެއްގައި ވިދާޅުވެފައި ވަނީ އިޒްރޭލް އުފެއްދުމުގައި އިނގިރޭސިން ވެސް ދައުރެއް އަދާކޮށްފައިވާތީ ފަޚުރުވެރިވާ ކަމަށެވެ. އެކަމަކު ބެލްފޯ ޑިކްލަރޭޝަންގައިވާ އެންމެ މުހިންމު ބައި ކަމަށްވާ ޔަހޫދީ ނޫން މީހުންގެ ހައްގުތައް ފުރިހަމަ އަށް ރައްކާތެރިކޮށްދެވިފައި ނުވާކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ. ޖޯންސަންގެ ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ އޭނާގެ ޚިޔާލުތައް ހިއްސާކޮށްފައި މި ވަނީ މީގެ 100 އަހަރު ކުރިން ބެލްފޯ ޑިކްލަރޭޝަން ލިޔުނު ކޮޓަރީގައި އިންނަވައިގެން ކަމަށެވެ.
ޖޯންސަން ވިދާޅުވެފައިވާ ގޮތުގައި މެދުއިރުމަތީގެ މައްސަލަ އަށް އޮތް ހައްލަކީ ދެ ދައުލަތް އުފެއްދުމެވެ. އަދި 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގެ ކުރިން ބޯޑަރު އޮތް ގޮތަށް އަލުން އިންވަކިކޮށްގެން ކަމަށެވެ. ގުދުސް އަކީ ފަލަސްތީނުގެ އިތުރުން އިޒްރޭލުގެ ވެރިރަށް ކަމަށް ހަދަން ވެސް އޭނާ ވަނީ ޚިޔާލު ފާޅު ކުރައްވައިފަ އެވެ.