30 އޮކްޓޯބަރ 2017 - 19:18

މެޑްރިޑް (އޮކްޓޯބަރު 30) - ކެޓަލޯނިއާގައި މިނިވަންކަން އިއުލާން ކުރަން އުޅުނު ލީޑަރުންގެ މައްޗަށް ބަޣާވާތުގެ ދައުވާ އުފުލާނެ ކަމަށް ސްޕޭނުގެ އެޓާނީ ޖެނެރަލް ހޯސޭ މެނުއަލް މާޒާ ވިދާޅުވެއްޖެ އެވެ.
ސަރުކާރާ ދެކޮޅު އަމަލު ހިންގަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 1-30 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ދައުވާ އުފުލަނީ ކެޓަލޯނިއާގެ ރައީސްކަމުގެ މަގާމުން ދުރުކުރި ކާލްސް ޕުޖްޑެމޮން އާއި ނައިބް ރައީސް އޮރިއޯލް ޖަންކުއެރަސް އަދި މިނިވަންކަން އިއުލާން ކުރުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުނު އެންމެންގެ މައްޗަށް ކަމަށެވެ.
މި މަހު 1 ވަނަ ދުވަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރީ ހުކުރު ދުވަހު އެވެ. ރައްދުގައި ސްޕޭން ސަރުކާރުން ވަނީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުން ކުރުމަށް ފަހު ކެޓަލޯނިއާގެ ޕާލަމެންޓާއި ސަރުކާރު އުވާލައިފަ އެވެ. އަދި ޑިސެމްބަރު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ.
ސްޕޭނުގެ ޚާރިޖީ ވަޒީރު އަލްފޮންސޯ ޑަސްޓިސް ވިދާޅުވީ ޕުޖްޑެމޮން ޖަލަށް ނުލައި ހުރެއްޖެ ނަމަ އޭނާ އަށް ވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށެވެ.
ކެޓަލޯނިއާގެ ކުރީގެ ލީޑަރުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ސްޕޭނުން ބުނި އިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕުޖްޑެމޮން މިހާރު ހުންނެވީ ބެލްޖިއަމްގަ އެވެ. ޕުޖްޑެމޮން އަށް ސިޔާސީ ހިމާޔަތް ދޭނެ ކަމަށް ބެލްޖިއަމުން ބުނެފައިވެ އެވެ.