ވިލާ ކޮލެޖުން ގިނަ އަދަދެއްގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުން ގިނަ އަދަދެއްގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ތަފާތު އެކި ދާއިރާތަކުން 75 އަށް ވުރެ ގިނަ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ ޑިސެމްބަރު 17 އާ ހަމައަށް ހުޅުވާލައިފަ އެވެ. އެއީ މާލޭގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތަކުގައި ވެސް ހިންގާ ކޯސްތަކާ އެކުގަ އެވެ.

ކޯސްތައް އިއުލާންކުރަންް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ދަރިވަރުންނަށް ފޯރުކޮށްދޭން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި އިނގިރޭސިވިލާތުގެ ކޯސްތައް ކިޔަވައިދެވިދާނެ ކަމަށް ދިވެހިން ގަބޫލުނުކުރާ ކަމަށާއި ނަމަވެސް އެކަން ވިލާ ކޮލެޖުން ބަދަލުކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.

"މީގެ ކުރިން ދިވެހިން ގަބޫލެއްނުކުރޭ ރާއްޖޭގައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީގެ ކޯސްތައް ރާއްޖޭގައި ހިންގިދާނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން އެކަން މިވަނީ ބަދަލުކޮށްލާފައި. މިހާރު ވެސް ޔޫކޭގެ ޔުނިވާސިޓީ އޮފް ދަ ވެސްޓާން އޮފް އިންގްލެންޑުގެ މާސްޓާސް އަދި ޑިގްރީ ފެންވަރުގެ ކޯސްތައް މިއަންނަނީ ހިންގަމުން،" ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންވަރު ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ ހަތް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ހަތަރު ކޯހަކާއި ޑިގްރީ ފެންވަރުގެ 20 ކޯހަކާއި އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ އަށް ކޯހެކެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް ތިނެއްގެ ނުވަ ކޯހެއް ފަށަން ހަމަޖައްސާފައިވެ އެވެ.

ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.