30 އޮކްޓޯބަރ 2017 - 16:26

ފުށިފަރު އިންވެސްޓްމަންޓުން ޅ. އަތޮޅުގައި ތަރައްގީކުރި އެ ކުންފުނީގެ ފުރަތަމަ ރިސޯޓް "ފުށިފަރު މޯލްޑިވްސް" ހުޅުވައިފި އެވެ.

އެ ކުންފުނިން ބުނީ އެ ރިސޯޓް ހުޅުވައި، މި މަހުގެ 24 ވަނަ ދުވަހު ގެސްޓުން ގެންނަން ފަށާފައިވާ ކަމަށެވެ. އެ ރިސޯޓުގެ ފުރަތަމަ ގެސްޓުންނަށް ވަނީ ސަގާފީ ކުޅިވަރުތަކާއި އެކު، ހޫނު މަރުހަބާއެއް ވެސް ކިޔާފަ އެވެ.
ފުށިފަރު ރިސޯޓަކީ ފަސް މޫދު ކޮޓަރިއާ، 26 ބީޗް ވިލާ އަދި ޕްރައިވެޓް ޕޫލާއި އެކު ހުންނަ 18 ބީޗް ވޮލާ ހިމެނޭ ރިސޯޓެކެވެ. އަދި ބައިނަލްއަގުވާމީ ކެއުންތައް ތަޖުރިބާ ކުރުމަށް "ކޮރަކަލި" ރެސްޓޯރެންޓާއި، ސީފުޑަށް ހާއްސަ "ރާކަނި ގްރިލް" ރެސްޓޯރެންޓްގެ އިތުރުން "ފަނި ހަނދި" ކިޔާ ބާ އެއް ހުރެ އެވެ.
މީގެ އިތުރުން "ހޭޅި" ސްޕާ އާއި، ޑައިވިން އަދި މޫދު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އާ ގެސްޓަކު ރިސޯޓަށް އައުމުން، ސަގާފީ ކަމެއްގެ ގޮތުން ސަންގު ފުމުން ފަދަ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ރިސޯޓު ހިންގާ ކުންފުނިން ބުންޏެވެ.
ފުށިފަރު އިންވެސްޓްމަންޓަކީ، ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރި ކުރަމުން އަންނަ މުނި އެންޓަޕްރައިޒަސްގެ ދަށުން ހިންގާ ކުންފުންޏެކެވެ. ފަރުނީޗަރުގެ ވިޔަފާރީގެ އިތުރުން، މުނި އެންޓަޕްރައިޒަސް އިން ގެންދަނީ ލަގްޒަރީ ސަފާރީ އާއި ރިއަލް އެސްޓޭޓްގެ އިތުރުން ޓްރެވަަލް އެޖެންސީއެއް ހިންގަމުންނެވެ.